މިއަދު ފަށާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ މުބާރާތުގައި ޕޮލިސް ކްލަބް ފެންނާނީ ވަރުގަދަކޮށް ކަމަށް އެ ޓީމުގެ ކޯޗު މުނާ މުނީރު (މުންނަ) ބުނެފި އެެވެ.
ދާދި ފަހުން ނިމިގެންދިޔަ ވޮލީބޯލް އެސޯސިއޭޝަން ކަޕް އަންހެން ޑިވިޝަނުގެ ފައިނަލަށް ޕޮލިސް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އޭގެ ތެރޭގައި، ފުރަތަމަ ސެމީގައި ކްލަބް ވެމްކޯ އަތުން މޮޅުވި މެޗު ވެސް ހިމެނެ އެވެ. އެކަމަކު، ފައިނަލް މެޗުގައި ޕޮލިސް ވަނީ ސީދާ ތިން ސެޓުން ވެމްކޯ އަތުން ބަލިވެފަ އެވެ.
ފައިނަލް މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ޕޮލިހުގެ ކޯޗު، މުންނަ ބުނީ ވަރަށް ރަނގަޅަށް އެސޯސިއޭޝަން ކަޕަށް އެ ޓީމު ތައްޔާރުވި ނަމަވެސް، ފަހުން ދިމާވި ހާލަތްތަކާ ހެދި ފައިނަލް މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށެވެ.
"ވަރަށް ހިތްހަމަޖެހޭ ކުޅުނު ހުރިހާ މެޗަކާ މެދު، މިރޭ (ވީއޭއެމް ކަޕް ފައިނަލް) މިއީ ތަންކޮޅެއް ދަށްކޮށް ޕާފޯމަންސް ދިޔަ ރެޔެއް. ލީގަށް އަނެއްކާ ވެސް އަޅުގަނޑުމެން ޓީމު ވަރުގަދަކުރާނަން. އިންޝާﷲ އަޅުގަނޑުމެންގެ ހުރިހާ ކުޅުންތެރިން ވެސް ނިމުނު ހުރިހާ މެޗެއްގައި އެ ދެއްކި ޕާފޯމަންސަށް ވުރެ ރަނގަޅު ޕާފޯމަންސެއް ލީގުގައި ދަށްކާނެ،" މުންނަ ބުންޏެވެ.
އެންމެ ބޮޑު ކަމެއްގެ ގޮތުގައި މުންނަ ފާހަގަކުރީ، ސެމީ ފައިނަލް މެޗުގައި، ޕޮލިސް ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ)ގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ފައިނަލުގައި ނުކުޅެވުމެވެ.
މުންނަ ބުނީ، ހައްވަ ނުލައި ވަރުގަަދަ މެޗެއް ކުޅެން ކުޅުންތެރިންނަށް ތައްޔާރުވެވިފައި ނެތް ކަމަށެވެ.
"ކުޅުންތެރިން ވެސް ރެޑީވެގެނެއް ނޫން ތިބީކީ ކެޕްޓަނާ ނުލައި ކުޅޭކަށް. އެހެންވީމަ، މިއަދަކީ މުޅި ޓީމުގެ ވެސް ޕާފޯމަންސް ދަށް ދުވަހަކަށް ވެފައި މި އޮތީ،" މުންނަ ބުންޏެވެ.
"އިންޝާﷲ. ކުރިއަށް އޮތް ޓޯނަމަންޓްގައި (ގައުމީ ލީގުގައި) ކެޕްޓަން އަށް ކުޅެވޭނެ، ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. އަޅުގަނޑުމެން ބޭނުމެއް ނުވި މިއަދު (ވީއޭއެމް ކަޕް ފައިނަލުގައި ކުޅުވަން)، ކުރިއަށް އޮތް ދެ މުބާރާތް އޮތީމަ ވެސް ހައްވަގެ ފަޔަށް ލޯޑު ބޮޑުކޮށްފައި ނޫނީ އިންޖަރީ ބޮޑުވެދާނެ އެއްވެސް ކަމެއް ކުރާކަށް. ކުރިއަށް ހުރި މުބާރާތްތަކަށް ފޯކަސް ކޮށްފައި އިންނާނީ. މިއަދަަށް (ވީއޭއެމް ކަޕް ފައިނަލަށް) ފިޓެއް ނޫން ހައްވަ ކުޅޭކަށެއް،"
ގައުމީ ލީގުގެ ފުރަތަމަ މެޗުގައި، މިއަދު ހަވީރު ޕޮލިހުން ކުޅޭނީ ފްލެކްސާ ސްޕޯޓްސް ކްލަބާ އެވެ. މުބާރާތުގައި މިރޭ ކުޅޭ މެޗުގައި، ކްލަބް ވެމްކޯ އިން ކުޅޭނީ ހުރާ ކޮމިއުނިޓީ ކްލަބާ އެވެ.
ގައުމީ ލީގުގައި ޕޮލިސް ކްލަބް ފެންނާނީ ވަރުގަދަކޮށް ގައުމީ ލީގުގައި ޕޮލިސް ކްލަބް ފެންނާނީ ވަރުގަދަކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ