ރާއްޖޭގެ ބޯޑަރުން އެތެރެވާ މީހުންގެ ޑުއަލް ސިޓިޒަންޝިޕް ނުވަތަ ދެ ގައުމެއްގެ ރައްޔިތުކަން އޮތްކަން ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށް އިމިގްރޭޝަނުން ބުނުމަކީ ޖޯކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަނުން މިހެން ބުނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހެޅި ބިލާ ގުޅިގެން މަޖިލީހަށް ދިން ލަފައެއްގަ އެވެ. އެއާއެކު މަޖިލީހުން ވަނީ އިޒްރޭލު ރައްޔިތުންނަށް އެހެން ގައުމެއްގެ ޕާސްޕޯޓެއްގައި ރާއްޖެ ވަދެވޭނެހެން ބިލު ފާސްކޮށްފަ އެވެ.
މި ބިލު ފާސްކުރި ޖަލްސާއަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއިލް ވިދާޅުވީ، ބިލު ބަދަލުކޮށް އިޒްރޭލުގެ ރައްޔިތުންގެ ބަޔަކަށް ވަދެވޭނެހެން ބިލު ފާސްކުރީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށެވެ. މިއީ ރައްޔިތުންގެ ޕްރެޝަރާހެދި، އޮޅުވާލަން ކުރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"އެބޭފުޅުން ވަރަށް ބޮޑަށް ފާހަގަކުރައްވާ، އިމިގްރޭޝަނުން އެބަ ބުނެޔޭ ތިމަންމެނަކަށް ނެތޭ ޑުއަލް ޕާސްޕޯޓު ހޯލްޑަރުން ކަށަވަރުކުރެކަތް އިނގޭތޯ. އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް ޖޯކު ވާހަކައެއް. އެންޓްރީ ކާޑުގައި ހަމަ ރީތިކޮށް ބައެއް ގައުމުތަކުގަ ހުރޭ ލިޔެފަ ޑުއަލް ޕާސްޕޯޓު ހޯލްޑަރެއްތޯ ހާމަކުރަން،" މީކާއިލް ވިދާޅުވި އެވެ.
މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ސަރުކާރުން އަދި ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އެތައް މަހެއް ފަހުން ބިލު ފާސްކުރީ ހެޔޮ ނިޔަތެއްގައި ކަމަށް ނުބެލެވޭ ކަމަށްވެސް މީކާއިލް ވިދާޅުވި އެވެ.
މީކާއިލްގެ އިތުރުން، މަޖިލީހުގެ ޕާކިން ލޮޓު ތެރޭ ނޫސްވެރިން ވާހަކަދައްކަމުން އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވަނީ ބިލަށް ގެނައި އިސްލާހުގެ ސަބަބުން އިޒްރޭލުގެ ސިފައިންނާއި ވެރިން އަދި ބޮޑުވަޒީރު ނަތަންޔާހޫއަށްވެސް ރާއްޖެ ވަދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާ ކުރަން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ. ބިލު ފާސްވެގެން ދިޔައީވެސް އެގޮތަށް، އިޒްރޭލުގެ އާބާދީގެ 800،000 އެއްހާ މީހުންނަށް ރާއްޖެ އާދެވޭނެހެންނެވެ.
އިމިގްރޭޝަނަށް ޑުއަލް ސިޓިޒަންޝިޕު ކަށަވަރުކުރެވެން ނެތޭ ބުނުމަކީ ޖޯކެއް: މީކާއިލް އިމިގްރޭޝަނަށް ޑުއަލް ސިޓިޒަންޝިޕު ކަށަވަރުކުރެވެން ނެތޭ ބުނުމަކީ ޖޯކެއް: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ