މުސްލިމުންނަށް ﷲ ތަޢާލާ އަންގަވާފައިވަނީ ހަމައެކަނި ޤިޔާމަތް ދުވަހާއިމެދު ކަންބޮޑުވެ ނަރަކައިން މިންޖުވެ ސުވަރުގެ ހޯދަން މަސައްކަތްކުރުމަށެވެ. މާދަމާ ކިޔާ ދުވަހަކާއިމެދު ވިސްނާކަށްވެސް ނެތެވެ. އެހެނީ މާދަމާގެ ހުރިހާ ކަމެއް ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ.
މާދަމާ ނުވަތަ މުސްތަޤްބަލުގައި މެދުވެރިވާނެ ކަންކަމަށް ތިބާ ބިރުވެތިކުރުވަނީ ޝައިޠޯނާއެވެ. އެއީ އެކަންކަމަށް ވިސްނަން ފެށުމުން ﷲ ތަޢާލާގެމަތިން ހަނދުމަނެތިވެގެންދާނެތީއެވެ. ވެދާނެ ކަންކަމަށް ވިސްނާ މީހާ އަބަދުވެސް ހުންނާނީ އެކަންކަމަށް ވިސްނުމުގައެވެ. ކޮންމެވެސް ކަމެއް މެދުވެރިވެދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ.
ވީމާ އެމީހަކަށް އޮންނާނީ ﷲ ތަޢާލާ އާއިމެދު ވިސްނައިލަންވެސް ވަގުތު ނުލިބިފައެވެ. އަދި ނަމާދުކުރުންފަދަ އަޅުކަމުގައި ހުންނައިރުވެސް އެބިރުވެރިކަމުން ހިތް އޮންނާނީ ފުރިފައެވެ. ފުރިހަމަ ގޮތުގައި ނަމާދުވެސް ނުކުރެވޭނެއެވެ. ޝައިޠޯނާގެ ބޭނުމަކަށްވަނީ އެހާލަތު ޖައްސުވައިގެންވެސް މީސްތަކުންގެ ވިސްނުން ﷲ ތަޢާލާ ޢާއި ދުރުކުރުވުމެވެ!
ވީމާ މާދަމާ ކުރިމަތިވެދާނެ އެއްވެސް ކަމަކާއިމެދު ނުވިސްނާށެވެ! އެކަން ﷲ ތަޢާލާއަށް ވަކީލްކޮށްފައި ބާއްވާށެވެ! މިއަދު ފުރިހަމަކުރަންޖެހޭ އަޅުކަން ފުރިހަމަކޮށް ޛިކުރުކޮށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން މާދަމާވެސް އަނެއް ދުވަހުވެސް އަދި އާޚިރަތް ދުވަހުވެސް ތިބާ ހުންނާނީ ﷲ ތައާލާގެ ހެޔޮ ރަޙްމަތުގައެވެ. އުފލުންނެވެ.
މުސްލިމުންނަށް ލިބިފައިވާ އެންމެ ޚާއްޞަ އެއް ނިޢްމަތަކީ މާދަމާ ކުރިމަތިވެދާނެ މުޞީބާތަކާއިމެދު ކަންބޮޑުނުވުމެވެ. މާދަމާ ނުވަތަ ކުރިއަށް އޮތްތަނުގައި ކުރިމަތިވެދާނެ މުޞބާތްތަކަށް ކަންބޮޑު ނުވެ ދުނިޔޭގައި އުޅެވޭނެ މަގު ﷲ ތަޢާލާ ދައްކަވައި ދެއްވަވާފައިވާ ކަމެވެ.
އެކަމަށް ކުރަން އޮތް ކަމަކީ ހުސްވަގުތު ލިބުމުން ވަޤުތު ބޭކާރުނުކޮށް ﷲ ތައާލާއަށް ޛިކުރުކުރުމާއި އަޅުކަންކުރުން މަތީގައި ސާބިތުވެ ހުރުމެވެ. އެއްވެސް މިންވަރަކަށް ވަގުތު ބޭކާރުނުކުރުމެވެ. ވަގުތު ބޭކާރުކުރާނަމަ އެމީހާގެ ހިތަށް ވަސްވާސް ވެއްދުމުގެ ފުރުޞަތު ޝައިޠޯނުންނަށް ލިބިގެންދެއެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
މުސްލިމުން ކަންބޮޑުވާންއޮތީ ޤިޔާމަތް ދުވަހަށެވެ! މާދަމާ ކިޔާ ދުވަހަކަށް ބިރުގަތުމެއް ނެތެވެ!: ޝައިޚް އަބޫބަކުރު ޒައުދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ