ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލިސް ބަންދުވާނެ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރުން އަބްދުﷲ ރިފާއު ހުށަހަޅުއްވައިފާ މައްސަލަ ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލައަށް ވާހަކަ ދައްކަވަމުން ބައެއް މެންބަރުން ވަނީ ރޯދައަށް މަޖިލިސް ބަންދުކުރަން ކޮންމެ އަހަރަކު މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ޖެހޭނެތޯ ސުވާލު އުފައްދާފަ އެވެ.
ނަމަވެސް 2029 އާ ހަމައަށް މި އިސްލާހުގެ ދަށުން ރޯދަމަސް ބަންދުވާނެ ކަމަށް ކޮމިޓީގެ މުގައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ފާހަގަކުރެއްވި އެވެ. އަދި، މި އިސްލާހަކީ ރޯދަމަހު ވީހާ ވެސް ބޮޑަށް އަޅުކަމަށް އިސްކަން ދިނުމުގެ ފުރުސަތު މެންބަރުންނަށް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކޮމިޓީގައި އިންނެވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ މިއީ ރަނގަޅު ބަދަލެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ރޯދަމަހު މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އިސްލާމީ ތާރީހުގައި ބޮޑެތި ހަނގުރާމަތައް ވެސް މި މަހުގައި ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ހާއްސަކޮށް ޕްރައިވެޓް ސެކްޓާވެސް ވަރަށް ގަދަޔަށް މަސައްކަތްކުރާ މަހެއްގަ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލިސް މުޅި ރަމަޟާން މަހު އެއްކޮށް ޗުއްޓީއަށް. އެއްވެސް މަސައްކަތެއް ނުކޮށް ދިއުމަކީ އަޅުގަނޑަށް ރަނގަޅު ކަމެއް ނޫން،" އަމީން ވިދާޅުވި އެވެ.
ނަމަވެސް ވެރިކަންކުރާ ޕާޓީގެ މެންބަރުން ފާހަގަކުރީ މި އިސްލާހާއެކު މަޖިލީހުގެ މަސައްކަތުގެ ޖުމްލަ ދުވަހުގެ އަދަދަށް ބަދަލެއް ނާންނަ ކަމަށެވެ. ކޮމިޓީ ބަހުސަށްފަހު ނެގި ވޯޓުން މި މައްސަލަ ފާސްވީ ހަ މެންބަރުންގެ ތާއީދުންނެވެ. އިދިކޮޅަށް ވޯޓު ދެއްވީ އަމީން އެކަންޏެވެ. ބައްދަލުވުމުގައި ތިއްބެވީ ހަތް މެންބަރުންނެވެ.
ރިފާއު ހުށަހެޅި އިސްލާހާއެކު މަޖިލީހުގެ ފުރަތަމަ ދައުރު ޖެނުއަރީ މަހު ފަށާ ހަމަ އެ މަހުން ނިންމާނެ އެވެ. މަޖިލީހުގެ މިހާރުގެ ގަވާއިދު އޮންނަ ގޮތުން ފުރަތަމަ ދައުރު ފެށެނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހެވެ. އެ ދައުރު ނިމެނީ މެއި މަހު އެވެ.
މިހާރު ގަވާއިދު އޮންނަ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ހިނގަނީ ޖޫން 1، އިން އޮގަސްޓު 15، އަށެވެ. ތިންވަނަ ދައުރު ހިނގަނީ އޮކްޓޯބަރު 1، އިން ނޮވެމްބަރު 30، އަށެވެ.
ރިފާއު ހުށަހެޅުއްވި އިސްލާހުގައި ދެވަނަ ދައުރު ހިނގަނީ އެޕްރީލް 1، އިން ޖުލައި 31، އަށެވެ. ތިންވަނަ ދައުރު ހިނގަނީ ސެޕްޓެމްބަރު 1، އިން ނޮވެމްބަރު 30، އަށެވެ.
މިގޮތަށް އިސްލާހު ގެނައި ނަމަވެސް މި އަހަރު މަޖިލީހުގެ ފުރަތަމަ ދައުރު ނިމޭނީ މި ހިނގާ ފެބްރުއަރީގެ ނިޔަލަށް ކަމަށްވެސް ރިފާއުގެ މައްސަލާގައި ހުށަހަޅުއްވާފައިވެ އެވެ.
ރޯދައަށް މަޖިލިސް ބަންދު ކުރަން ކޮމިޓީން ފާސްކޮށްފި ރޯދައަށް މަޖިލިސް ބަންދު ކުރަން ކޮމިޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ