ހަމައެކަނި އިންޓެލިޖެންސް ރިޕޯޓަކީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ހެއްކެއް ނޫންކަމުގައި ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން މިފަދައިން ބުނެފައިވަނީ ގއ. ދާންދޫ ސަންލައިޓްވިލާ އަހުމަދު ރިޝްމާހް ބަންދުގައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދުމުންނެވެ.
ރިޝްމާހް ހައްޔަރުކޮށްފައިވަނީ ޖަމާޢަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި މާރާމާރީ ހިންގަން އުޅުމުގެ ކުށުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން ހާމަކުރި މަޢުލޫމާތުން އެނގޭ ގޮތުގައި ރިޝްމާހް ބަންދުގައި ބެހެއްޓުމަށް ފުލުހުން ހުށަހަޅާފައިވަނީ ރިޝްމާހުގެ ކުރީގެ ކުށުގެ ރިކޯޑްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް އެކަންޏެވެ.
ރިޝްމާހު ބަންދުން ދޫކޮށްލަން ކޯޓުން ނިންމާފައިވަނީ އޭނާއާމެދު ތުހުމަތުކުރެވޭ ކުށާއި ބެހޭ ޤާނޫނުގައި އިންޓެލިޖެންސް ރިޕޯޓަކީ އެކަށީގެންވާ ހެއްކެއް ކަމަށް ބަޔާންކޮށްފައި ނުވާތީކަމަށް ބުނެފައިވެއެވެ. މިގޮތުން "ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު" ގައިވެސް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ ފުލުހުންގެ ތަހުޤީޤަށް ލިބިފައިވާ އެކަށީގެންވާ ހެއްކެއް ކަމުގައި ބަޔާންކޮށްފައި ނުވާކަމަށް ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ކްރިމިނަލް ކޯޓުން ރިޝްމާހު ދޫކޮށްލަން ނިންމި ނިންމުން އިސްތިއުނާފުކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ.
ހަމައެކަނި އިންޓެލިޖެންސް ރިޕޯޓަކީ ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ހެއްކެއް ނޫން - ކްރިމިނަލް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ