ރޯދަމަހު މަޖިލިސް ބަންދުކުރަން ކޮމެޓީން ފާސްކޮށްފި

ކުރިއަށް އޮތް ރޯދަމަހު ރައްޔިތުންގެ މަޖިލިސް ބަންދުކުރަން އެ މައްސަލަ ބެލި އާންމު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން އެދި އެ އިސްލާހު އިއްޔެގެ މަޖިލިސް ޖަލްސާގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެއީ:
ފުރަތަމަ ދައުރު - 1 ފެބްރުއަރީން 15 މޭގެ ނިޔަލަށް
ދެވަނަ ދައުރު - 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް
ތިން ވަނަ ދައުރު - 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށް
ތަފްސީލް - އެ މައްސަލަ ދިރާސާކުރަން މިއަދު ބޭއްވި އާންމު ކޮމެޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ މެންބަރު ރިފާއު ހުށަހެޅުއްވި އިސްލާހު އޮތް ގޮތަށެވެ. 
އެ އިސްލާހުގައި އޮތީ:
ފުރަތަމަ ދައުރު - ޖެނުއަރީ 1 އިން އެ މަހުގެ ނިޔަލަށް
ދެވަނަ ދައުރު - 1 އޭޕްރީލުން ޖުލައި މަހުގެ ނިޔަލަށް
ތިން ވަނަ ދައުރު - 1 ސެޕްޓެމްބަރުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް
ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެންބަރުން ވަނީ މި އިސްލާހާ އެކު ކުރިއަށް އޮތް އަހަރުތަކުގައި ވެސް ގަވާއިދު އިސްލާހުކޮށް ރޯދަމަހަށް މަޖިލިސް ބަންދުކުރާނެތޯ ސުވާލު އުފައްދަވާފަ އެވެ.
ނަމަވެސް ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މިހާރު މި އިސްލާހު ގެެނެސްފި ނަމަ، 2029 ވަނަ އަހަރާ ހަމައަށް އިސްލާހެއް ގެންނަން ނުޖެހޭނެ ކަމަށެވެ.
މި އިސްލާހު ހުށަހަޅުއްވާފައިވާ ސަބަބެއް ކަމަށް ޝާހިދު ވިދާޅުވީ މިއީ ރޯދަމަހު ގިނަ ވަގުތު އަޅުކަން ކުރުމަށް ވަގުތު ދިނުމަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ނަމަވެސް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ ރޯދަމަހު މަޖިލިސް ބަންދުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، ރޯދަމަހުގެ ފުރަތަމަ 20 ދުވަހު ސިވިލް ސާވިސް މުވައްޒަފުން މަސައްކަތްކުރާ ކަމަށާއި އަމިއްލަ ކުންފުނިތަކުން ރޯދަމަހު ވެސް ބުރަކޮށް މަސައްކަތް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މަސައްކަތް ކުރުމަކީ ވެސް ދީނީ ގޮތުން ބަލާއިރު ކުރެވޭ އެންމެ ރަނގަޅު އެއް އަޅުކަން. އެއީ އާމްދަނީ ހޯދުމަށާއި ދެން ވެސް ކަންކަމަށް ކުރާ މަސައްކަތަކީ އަސްލު ހަގީގަތުގައި،" އިސްލާމީ ތާރީހުގައި ރޯދަމަހު ހަނގުރާމަތައް ވެސް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވައި އަމީން ވިދާޅުވި އެވެ.
އަމީންގެ އެ ވާހަކައަށް ރައްދު ދެއްވައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ ރޯދަމަހަށް މަޖިލިސް ބަންދުކުރި ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރަން ލިބޭ ދުވަހުގެ އަދަދަށް ބަދަލު ނާންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ