ކުރީގެ ފިރިމީހާ ގަޔަށް ވަޅި ޖަހައި އޭނާ މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ މަރިޔަމް ނަޒާހާގެ މައްޗަށް އިއްވި އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
ވަރަށް ޒުވާން އުމުރުގައި ކައިވެނިކޮށް ދަރިއަކު ލިބުނު ނަޒާހާގެ މައްޗަށް ސާބިތުވެފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު)ގެ ބުރަކައްޓަށް ފަސް އިންޗީގެ ތިލައެއް ހުރި ވަޅިއެއް ހެރިކަމުގެ ކުށެވެ. އެކަން ކުރި ކަމަށް ނަޒާހާ ކުރިމިނަލް ކޯޓުގައި ވެސް ހައިކޯޓުގައި ވެސް އިންކާރެއް ނުކުރެ އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެޗެ. އޭގެ އިތުރުން، އެ މައްސަލަ ބެލި ބެންޗުގައި ފަނޑިޔާރު ޝުޖޫން މުހައްމަދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ހިމެނެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވީ ޝާޑު ގަޔަށް ނަޒާހާ ވަޅި ހެރީ އެއްޗެއް ނަގަން ގުދުވި ވަގުތު ކަމަށެވެ. މިގޮތުން އެވަގުތު ދެމީހުންގެ މެދުގައި ކަންކަން ހިނގައި ދިޔަ ގޮތަށްބަލާއިރު އެކަން ކުރީ ނަޒާހާގެ ފުރާނަ ސަލާމަތް ކުރުމަށް އޮތް ހަމައެކަނި ގޮތް ކަަމަށް ނުބެލެވޭ ކަމަށެވެ.
"މަރިޔަމް ނަޒާހާގެ ނަފްސު އެވަގުތު ނުރައްކަލަކަށް ހުށަހެޅިފައިވާކަން ދަލާލަތު ކޮށްދޭ އެއްވެސް ކަމެއް ނެތްކަން ފާހަގަކުރެވޭ. މިގޮތުން މި މާއްދާގެ ދަށުން ނަޒާހާއަށް ނަފްސުގެ ދިފާއު ލިބޭނެ ހަމައެއް ނެތް،" އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވި އެވެ.
ބުއްދިއަށް އުނިކަން އައިސްފައިވާ ދިފާއު ލިބިގަތުމަށް ޝަރީއަތުގެ ތިން މަރުހަލާގައި ވެސް ނަޒާހާގެ ފަރާތުން ކޯޓަށް އެއްވެސް އެއްޗެއް ހުށަހަޅާފައި ނުވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި އިތުރަށް ވިދާޅުވީ ދަށު ކޯޓުން މައްސަލަ ނިމުނު ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓުގެ މަރުހަލާގައި ގާނޫނަށް އައިސްފައިވާ އިސްލާހުތަކާ އެކު ވެސް އެ މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.
މައްސަލައިގައި ނަޒާހާގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓަން ނިންމެވީ އުއްތަމަ ފަނޑިޔާރު އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު އަޒްމިރާލްދާ އެވެ. އެކަމަކު ފަނޑިޔާރު ޝުޖޫން އަދި ޑރ. މުހައްމަދު އިބްރާހިމް ރައުޔު އިއްވެވީ އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލު ކުރުމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ނަޒާހާ ބުނެފައިވާ ގޮތުގައި ޝާޑަށް ހަމަލާ ދެވުނީ އޭރު ތަހައްމަލު ކުރަން ޖެހިފައިވާ އަނިޔާގެ ސަބަބުން ނަފްސާނީ ހާލަތެއްގައި ހުރެގެންނެވެ. ނަމަވެސް, ހައި ކޯޓުން ވެސް ނިންމާފައިވަނީ އެކަން ނަޒާހާއަށް ސާބިތުކޮށް ނުދެވޭ ކަމާއި އެކަމަކު ގަސްދުގައި މީހަކު މަރާލުމުގެ ހުރިހާ ރުކުނެއް ސާބިތުވާ ކަމަށެވެ.
ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް, އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިނުވަނީ ޝާޑުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެެވެ. އެމީހުން ބުނެފައިވަނީ މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންވެ, ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ އެވެ.
ނަޒާހާގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި ނަޒާހާގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ