މިއަދުވެސް މޫސުން ގޯސް: މެޓް

މިއަދުވެސް ރާއްޖޭގެ މޫސުން ގޯސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނޭކަމަށް ލަފާކުރެވޭ ކމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނޭކަމަށް އެ އިދާރާއިން ބުނެއެވެ. މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ށ އަތޮޅުން ފެށިގެން ގދ ސަރަހައްދަށް ހުދު ސަމާލުވެސް ނެރެފައެވެ.
މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ބުނެފައިވަނީ، ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގުގުރައި ބޯކޮށް ވާރޭވެހޭނޭ ކަމަށެވެ. ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނޭކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން މީގެ ކުރިންވެސް ވަނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވާނެތީވެ، މިއަދުގެ ނިޔަލަށް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ބުނެފައެވެ. 
ހިނގަމުން މިދަނީ ހުޅަނގުމޫސުމުގެ ހަތަރުވަނަ ނަކަތްކަމަށްވާ ރޯނު ނަކަތެވެ. މި ނަކަތް ދެމިގެންދާނީ، ޖޫންމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. އިހުގެ ނަކަތްތެރިން ބުނާގޮތުން މި މޫސުމުގައި ގަދަވަޔާއެކު ވިއްސާރަކުރާނެއެވެ. މިއީ ދިވެހިންގެތެރޭގައި މަޝްހޫރު ޖޫންޖުލައިގެ ވިއްސާރަ ފެށޭ ނަކަތެވެ. އެގޮތުން މި ނަކަތުގެ ދުވަސްތަކުގައި ކަނޑުތައް ވަރަށް ގަދަވާއިރު، ޢާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ. މި ނަކަތުގައި ވެސް މަސްވެރިކަންވެސް ދަށްވާނެކަމަށް އެމީހުން ފާހަގަކުރެއެވެ
ކަނޑުތައް ގަދަވާނެކަމަށް ބެލެވޭތީވެ، މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަ ގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ