އެމެރިކާއިން ފަލަސްތީނަށް އެހީވާ އުންރުވާއަށް ދޭ އެހީ ހުއްޓާލަނީ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލާ އެކު އެމެރިކާއިން އޮންނަ ގުޅުން ކަނޑާލައި، ފަލަސްތީނަށް އެހީވެދޭ އދ.ގެ ރިލީފް އޭޖެންސީ (އުންރުވާ)އަށް އެހީ ފޯރުކޮށްދިނުން އެމެރިކާއިން ހުއްޓާލާނެ ކަމަށް ބެލެވޭ ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އޮފިޝަލް އެގޮތަށް ވިދާޅުވެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅަކާ ދިމާކޮށެވެ. ނަތަންޔާހޫއަކީ އުންރުވާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ، އެ އިދާރާއިން އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާ ބޭފުޅެކެވެ. އިސްރާއީލާ އެކު ސުލްހައިގެ މަޝްވަރާތައް އާކުރުމަށް ފަލަސްތީނުން އެއްބަސްވާންޖެހޭ ކަމަށް ވިދާޅުވެ, ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް ޔޫއެންއާރުޑަބްލިއުއޭއަށް ދޭ ފައިސާ އެހީ ހުއްޓުވާލެއްވިއެވެ. އިސްރާއީލާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ, އެ ދައުރުގައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވެސް އެމެރިކާ ވަނީ އިސްތިއުފާ ދީފައެވެ. ކުރިން 2022 ވަނަ އަހަރުން 2024 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި އެމެރިކާވަނީ އެ ޖަމިއްޔާގެ މެންބަރެއް ގޮތުގައި އިންތިޚާބުވެފައެވެ. ނަމަވެސް، އެމެރިކާއަކީ ޖެނީވާގައި ހުންނަ އެ ޖަމިއްޔާގެ މިހާރުގެ މެންބަރެއް ނޫނެވެ. ޖެނުއަރީ 20 ވަނަ ދުވަހު ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޓްރަމްޕް ވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޭ)އާއި ޕެރިހުގެ މޫސުމާ ބެހޭ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް އަމުރު ކުރައްވާފައެވެ. އޭގެ އިތުރުން، އެމެރިކާ ސަރުކާރުން އެހީގެ މަސައްކަތްތައް ހިންގާ ބޮޑު އޭޖެންސީ ކަމަށްވާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ މައި އޮފީސް ހޯމަ ދުވަހު ބަންދުކޮށް، އެ ތަނުގެ މުވައްޒަފުންނަށް އޮފީހުގެ ސިސްޓަމްތަކުން އެކްސެސް ވެސް ވަނީ ކަނޑާލައިފިއެވެ. އެ އޮފީސް ބަންދުކޮށްފައިވަނީ ޓްރަމްޕާއި އޭނާގެ މުޝީރު އީލޮން މަސްކު ޔޫއެސްއެއިޑާ ދޮކޮޅަށް ދެއްކެވި ވާހަކަފުޅުތަކަށް ފަހެވެ. އެމެރިކާގެ ފޮރިން ޕޮލިސީގެ ދަށުން އެހީ ދޭ ގޮފި ކަމަށްވާ ޔޫއެސްއެއިޑުން ދުނިޔޭގެ އެންމެ ފަގީރު ސަރަހައްދުތައް ހިމެނޭގޮތަށް ގާތްގަނޑަކަށް 120 ގައުމެއްގައި ސިއްޙީ އަދި އިމަޖެންސީ ޕްރޮގްރާމްތަކަށް ފަންޑުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ