މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގައި ޗައިނާއަށް ކަނޑު މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި މިފްކޯއާއި، އެމްއެސްއެސްއާއި، މޯލްޑިވިއަން، އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއެކުއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގެ މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާއަށް އެކްސްޕޯޓް ކުރުމުގެ ފުރުޞަތުތައް އިތުރުކުރުންކަމަށެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީދާ ދަތުރުތައް އޮޕަރޭޝަންތައް ޗައިނާއަށް ފެށިފައިވާއިރު، މި ދަތުރުތަކުގައި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރެވުމުގެ ސަބަބުން ރާއްޖޭއިން ބޭރުކުރާ މުދަލުން ދައުލަތަށް ލިބިގެންދާ މަންފާ އިތުރުވެގެންދާނެއެވެ. އަދި މީގެއިތުރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަންފާވެސް އިތުރުވެގެންދާނެއެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީގެ ކޮންމެ ދަތުރެއްގައިވެސް އެއަރ ކާގޯ ގޮތުގައި 10 ޓަނުގެ މުދާ އުފުލޭނެކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ. މި ދަތުރުތަކަކީ ރާއްޖޭގެ ވިޔަފާރިތަކަށްވެސް އިތުރު މަންފާތަކެއް ކުރާނެ ދަތުރުތަކެއް ކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. އެގޮތުން މުދާ އުފުލަން ފެށުމާއެކު ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ރާއްޖެއަށް މުދާ އެތެރެކުރުމަށާއި، ރާއްޖޭގެ މުދާ ޗައިނާ މާކެޓަށް ގެންދިއުމަށް އިތުރަށް މަގުފަހިވެގެން ދާނެއެވެ.
މޯލްޑިވިއަނުން ޗައިނާއަށް ދަތުރުތައް ފަށާފައިވާއިރު، ޗައިނާގެ 3 މަންޒިލަކަށް މިވަގުތު އަންނަނީ ސީދާ ދަތުރުތައް ކުރަމުންނެވެ.
މީގެ އިތުރު ބޯޓެއް މިއަހަރުގެ އޮކްޓޫބަރުމަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ. ދަތުރުތައް އެހެން މަންޒިލްތަކަށްވެސް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަންއިން ވިދާޅުވެއެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓަކީ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ ބޯޓެކެވެ. މި ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓުގައި ގޮނޑިޖަހާފައިވަނީ 3 ކްލާހަކަށް ބަހާލައިގެންނެވެ. އެއީ ބިޒްނަސް ކްލާސް، ޕްރިމިއަމް ކްލާސް އަދި އިކޮނޮމީ ކްލާހެވެ.
ވައިޑް-ބޮޑީގެ ދަތުރުތަކާއެކު ޗައިނާއަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ