ފަރުކޮޅުން ވެލި ނަގާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: ށ. އަތޮޅު ކައުންސިލް

ށ. ފަރުކޮޅުގެ އެކި ސަރަހައްދުތަކުން ގަވާއިދާ ޚިލާފަށް ވެލި ނެގުމުގެ މައްސަލަ އިތުރުވެ، ކަންބޮޑުވާ މިންވަރަށް ގޮސްފައިވާ ކަމަށް މި މައްސަލައިގައި ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށް ށ. އަތޮޅު ކައުންސިލުން ބުނެފިއެވެ.
ށ. އަތޮޅު ކައުންސިލުން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަރުކޮޅަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ތިމާވެށްޓާބެހޭ މިނިސްޓްރީން ޚާއްސަ ރައްކާތެރިކަން ދީފައިވާ ތަނެކެވެ. އެހެންނަމަވެސް، ގޮނޑުދޮށާއި، ތުނޑި އަދި ފަޅުގެ އެތެރެއިން އުދެލި، ފަކީރު އަދި ޕަންޕު ބޭނުންކޮށްގެން ގިނަ އަދަދަކަށް ވެލި ނަގަމުންދާކަމުގެ ޝަކުވާތައް ވަނީ ކައުންސިލަށް ލިބިފައެވެ.
ގިނަ ފަރާތްތަކުން ވެލި ނަގަނީ އަމިއްލަ ބޭނުންތަކަށް ނަމަވެސް، ވެލި ނެގުމަކީ ގަވާއިދާ ޚިލާފު ކަމަކަށްވާތީ ފުލުހުންގެ އެހީތެރިކަމާއެކު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ތަހުގީގު ފަށާފައިވާކަމަށްވެސް ށ. އަތޮޅު ކައުންސިލުން ބުނެއެވެ.
ގުދުރަތީ އަދި ތަބަޢީ ސަރަހައްދުތައް ރައްކާތެރިކުރުމުގެ ގަވާއިދުގެ ދަށުން، ފަރުކޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުން އެއްވެސް ބާވަތެއްގެ ވެލި ނެގުމަކީ މަނާކަމެކެވެ. ކައުންސިލުން ފާހަގަކުރި ގޮތުގައި، މި ސަރަހައްދުން ވެލި ނެގުމަކީ އެތަނުގެ ޤުދުރަތީ ރީތިކަމާއި ފުރިހަމަކަން ނެތިދިއުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
މި މައްސަލައާ ގުޅިގެން އީޕީއޭއިން ކުރިއަށްގެންދާ ތަހުގީގުގެ ދަށުން، ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ