މާބައިދޫ ކައުންސިލް މެންބަރު ހަސަން ޒަރީރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ލ. މާބައިދޫ ކައުންސިލް މެމްބަރު ޙަސަން ޒަރީރު، ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ. މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްއިން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، 58 އަހަރުގެ ޒަރީރު ނިޔާވުމުން މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އެ މިނިސްޓްރީގެ މުވައްޒަފުންގެ ނަމުގައި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން މާބައިދޫ ކައުންސިލުގެ ރައީސް އިބްރާހީމް ވިސާމް ވިދާޅުވީ ޒަރީރު ނިޔާވީ ކުއްލި ގޮތަކަށް މެޔަށް ތަދެއް އަރައިގެން މިއަދު ހަވީރު ކަމަށެވެ. އޭނާ ވިދާޅުވީ ޒަރީރު އެއްވެސް ބައްޔަކަށް ފަރުވާ ކުރަމުންދިޔަކަން އެނގިފައިނުވާ ކަމަށެވެ. ނަމަވެސް، ޒަރީރަކީ ހެލްތު ޗެކަޕްތައް ގަވައިދުން ހަދަމުން ދިޔަ މީހެއްކަން ވިސާމް ފާހަގަކުރެއްވިއެވެ. https://x.com/MoCLPmv/status/1886790878397915199 ވިސާމް ވިދާޅުވީ ޒަރީރުގެ ހަށިގަނޑު މިހާރު އޮތީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކަމަށާއި ކަށުނަމާދުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، މާލޭގައި ތިބި އޭނާގެ ދަރިންނަށް ދެވުމުން މިރޭގެ ފަތިސް ނަމާދަށް ފަހުގައި ކަމަށެވެ. މައުލޫމާތު ލިބިފައި ވާގޮތުގައި ޒަރީރުގެ އަންބަކާއި ހަ ދަރީން ތިބޭއިރު ހުރިހާ ދަރީންވެސް ދިރިއުޅެނީ މާލޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ