އައިޖީއެމްއެޗް ކައިރިން މީހަކަށް ހަމަލާދިނީ ރައީސް މުއިއްޒު މާފުދެއްވާފައިވާ މީހެއް އައިޖީއެމްއެޗް ކައިރިން މީހަކަށް ހަމަލާދިނީ ރައީސް މުއިއްޒު މާފުދެއްވާފައިވާ މީހެއް

އައިޖީއެމްއެޗް ކައިރިން މިރާ މީހަކަށް ވަޅިން ހަމަލާދީ, ޒަހަމްކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މާފުދެއްވާފައިވާ ކުށްވެރިޔަކު ހިމެނޭކަން "އަދަދު" އަށް އެނގިއްޖެ އެވެ.
މިހާތަނަށް މި މައްސަލައިގައި ހައްޔަކުރި މީހުންގެ ތަފުސީލު ފުލުހުން ހާމަނުކުރި ނަމަވެސް ވަރަށް މުއުތަބަރުކޮށް މި ނޫހަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އެކަކަކީ އަހުމަދު ނަބީލް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ޖަލު ހުކުމެއްގައި ހުރީ މީހަކަށް ވަޅިން ހަމަލާދިން މައްސަލައެއް ސާބިތުވެގެންނެވެ.
ވަޅިން ހަމަލާދިން މައްސަލައިގައި ކްރިމިނަލް ކޯޓުން ނަބީލަށް ކުރި ހުކުމުން އެނގޭ ގޮތުގައި އޭނާ ހަތް އަހަރަށް ޖަލަށް ލާން ހުކުމް ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެ ހުކުމާ މި ދޭތެރޭގައި އަދި ފަސް މަސް ދުވަސް ވެސް ނުވާއިރު, އޭނާ މިނިވަންވީ ސީދާ ކޮން ތާރީހެއްގައި ކަމެއް ނޭނގެ އެވެ.
ނަބީލަކީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ ދަށުން އަަދަބު ލުއިކޮށްދޭން އެދި ހުށަހެޅޭ މުއްދަތަކަށް ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ނޫނެވެ. އޭނާގެ ޖަލު ހުކުމަށް މާފު ލިބޭނެ ހަމައެކަނި ގޮތަކީ މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސްއަށް ލިބިލައްވާ ހާއްސަ ބާރުގެ ދަށުންނެވެ.
މި ގާނޫނުގައި އޮންނަ ގޮތުން ކުށުގެ ބާވަތުން އެހެން މީހަކަށް ގެއްލުން ލިބިފައިވާނަމަ, އެ ގެއްލުން ލިބުނު މީހާއަށް މައްސަލައިގެ މައުލޫމާތު ހިއްސާކުރަން ވެސް ލާޒިމެވެ. ނަމަވެސް ކްލިމެންސީ ބޯޑުން މި އިޖުރާއަތު ފުރިހަމަކުރި ކަމެއް ސާފެއް ނުވެ އެވެ.
މިރޭ ދިން ހަމަލާއާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް ބުނެފައި ވަނީ އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އަދި ދެ މީހަކު ހަމަލާދިން މައްސަލައެއް 8:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ހަމަލާއާ ގުޅިގެން އެކަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.
ހަމަލާ ދިނީ ކޮން އާލާތެއް ބޭނުންކޮށްގެން ފުލުހުން ނުބުނި ނަމަވެސް ސޯޝަލް މީޑިއާގައި އަދި ބައެއް ނޫސްތަކުގައި ލިޔެފައިވާ ގޮތުގައި އެ މީހާއަށް ހަމަލާދިނީ މަރުތޭލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ