ޑުރަގު ފަރުވާ ހޯދާ 19 މީހަކު ޕޮލިޓެކްނިކްގެ ކޯހަކަށް، އިންޓާންޝިޕް ފުރުސަތު ވެސް ހޯދައިދެނީ

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ 19 މީހަކު މިހާރު ޕޮލިޓެކްނިކުގައި ކޯހެއް ހަދަމުން އަންނަ ކަމަށާއި، މަސައްކަތް ދަސްކުރުމަށް އެ މީހުންނަށް އިންޓާންޝިޕް ފުރުސަތު ހޯދައިދޭން ވެސް މަސައްކަތް ކުރާނޭ ކަމަށް ނޭޝަނަލް ޑުރަގް އޭޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބުނާ ޒާހިރު މިރޭ ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މަސްތުވާތަކެތީގެ ފަރުވާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ލުބުނާ ވިދާޅުވީ އެންޑީއޭގައި ފަރުވާ ހޯދަމުންދާ 19 މީހަކު ސެޓްފިކެޓު ލެވެލް ތިނެއްގެ އިލެކްޓްރީޝަން ކޯހެއް މިއަދު ފަށާފައިވާ ކަމަށެވެ. އެއީ އެންޑީއޭއާ މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ހަ މަސްދުވަހަށް ކުރިޔަށް ގެންދާ ކޯހެއް ކަމަށް ލުބުނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޯހަށްފަހު، އެ މީހުން ވަޒީފާއަށް ފައްކާކުރުމަށް ޓަކައި، ޓެކްނީޝަނުންނާއެކު މަސައްކަތްކުރުމާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ހޯދައިދިނުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "...އަޅުގަނޑުމެން މި އުންމީދުކުރަނީ މި 19 ފަރާތް ވެސް އިލެކްޓްރީޝަން ކޯސް ފުރިހަމަ ކުރާނެ ކަމަށް. އަދި ހަމަ އެއާއެކު އެ މީހުން އިލެކްޓްރީޝަނުންނާއެކު މަސައްކަތް ކުރުމުގެ އިންޓާންޝިޕް ފުރުސަތު، އަޅުގަނޑުމެން މިހާރު އެކި ތަންތަނާ ވާހަކަ ދައްކައިގެން މަޝްވަރާ ކުރަމުން މި ދަނީ," ލުބުނާ ވިދާޅުވިއެވެ. ލުބުނާ ވިދާޅުވި ގޮތުގައި ފާއިތުވި ހަތް އަހަރެއްހާ ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ ފަރުވާ ނެގުމަށް 4،500 މީހެއްގެ މައްޗަށް ހުކުމްކޮށްފައިވެއެވެ. އެހެން ނަމަވެސް އެންޑީއޭގައި ޖާގަ ނެތުމުގެ ސަބަބުން ފަރުވާއަށް ހުކުމްކޮށްފައި ތިބި މީހުންގެ ކިއުއެއް އުފެދިފައި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ފަރުވާއަށް ނުވެއްދި 700އެއްހައި މީހުންގެ ކިޔުއެއް އޮތްކަމަށް ލުބުނާ މީގެ ކުރިން އޮތީ ވިދާޅުވެފައެވެ. މިރޭ އޭނާ ވިދާޅުވީ މިހާރު އޭގެ ތެރެއިން ބާކީ ތިބީ 150އެއްހައި މީހުން ކަމަށާއި، އެ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މަސްތުވާތަކެތީގެ ފަރުވާ ހަރުދަނާ ކުރުމަށް ޓަކައި އެންޑީއޭއިން ދަނީ އެ ތަނުގެ ކެޕޭސިޓީ އިތުރު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނީ ވަސީލަތް މަދުވުމެވެ. ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ބޭނުންވާ މިންވަރަށް ޕްރޮފެޝަނަލް ކައުންސެލަރުންނާއި ސޯޝަލް ވޯކަރުން މަދުވުމުގެ ދަތިކަން ލުބުނާ ފާހަގަ ކުރެއްވިއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ. އެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 1،674 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވެއެވެ. އަދި މި އަހަރުގެ މިހައިތަނަށް 138 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ