ފުލެޓުތައް ހަވާލުކުރުން ލަސްވާ މައްސަލައިގައި އެފްޑީސީގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަނީ
ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރުއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އަޅައިފައިވާ ފުލެޓުތައް ހަވާލުކުރުން ލަސްވާ މައްސަލައިގައި އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރުކޮށް ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ. އެފްޑީސީގެ ވެރިން މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ކުޑޫ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ލިޔުއްވި ސިޓީގައިވަނީ، އެ ކުންފުނިން އަޅައިފައިވާ 4000 ފުލެޓުގެ ތެރެއިން 744 ފުލެޓް މިހާރުވެސް ނިމިފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސަބަބުން ފުލެޓުގެ ހައްގުވެރިންނަށް ފުލެޓް ނުލިބި ދައުލަތަށް އޭގެއިން ކުއްޔާއި ފީތަށްވެސް ނުނެގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުޑޫ ވިދާޅުވީ، އެ މަޝްރޫއަށް އިންޑިއާއިން ނަގާފައިވާ ލޯނަށް ކޮންމެ މަހަކު ދައުލަތުން 23.4 މިލިއަން ރުފިޔާ ދައްކަމުން އަންނަ ކަމަށާއި، އެ ކުންފުނީގެ ރިކަރަންޓު ޚަރަދަށް މަހަކު 3.24 މިލިއަން ހޭދަ ކުރާ ކަމަށެވެ. ކުޑޫ ވިދާޅުވީ އެފްޑީސީގެ ލޯނު ދައުލަތުން އަނބުރާ ދައްކަމުން ދަނީ ގަސްތުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށާއި އެކަން ކުރަނީ ސަރުކާރުގެ ވަރަށް ބޮޑު އިހުމާލެއް އޮވެގެންކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެ ސިޓީގައިވަނީ މިހާރު ނިމިފައިވާ 744 ފުލެޓާއި ކޮމާޝަލް އޭރިއާ ދޫކޮށްފި ނަމަ ކޮންމެ މަހަކު ދައުލަތަށް 10.8 މިލިއަން ރުފިޔާ ލިބޭނެކަން ފާހަގަކޮށްފައެވެ. އެފްޑީސީން އަޅަމުންދާ ފުލެޓުތަކުގެ ތެރެއިން ފިނިޝިން މަސައްކަތް ނިމިފައިވާ ފުލެޓެއް: ފުލެޓުތައް ހަވާލުކުރުން ލަސްވާ މައްސަލައިގައި އެފްޑީސީގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ވަނީ ހުށަހަޅައިފައި -- ސަން ފޮޓޯ ގޯތިގެދޮރުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މިހާރު ނިމިފައިވާ 744 ފުލެޓާއި ކޮމާޝަލް އޭރިއާއިން ލިބޭ އާމްދަނީން ލޯނު އަދާކުރެވެން އޮތްނަމަވެސް މިކަން މިގޮތަށް ހިނގަނީ ކީއްވެތޯ އެ ކުންފުނީގެ އިސްވެރިންނާ ސުވާލުކުރަން ބޭނުންވާ ކަމަށް ކުޑޫ ވިދާޅުވިއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ 4،000 ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އެ ސަރުކާރުގެ ފަހުކޮޅު ނެރުނެވެ. ނަމަވެސް ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޖިނާއީ ތަހުގީގެއް ފެށިއެވެ. އެ މައްސަލަތަކާ ގުޅޭ ގޮތުން ގޮތް ނިންމަން އޭސީސީން ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުން، މި ސަރުކާރުން ފުލެޓު ލިސްޓު މުރާޖާ ކުރަން ކޮމިޓީއެއް އެކުލަވައިލީއެވެ. އެ ކޮމިޓީން ބަލައި، ލިސްޓު އާންމުކުރަން އެކި ތާރީޚުތައް ދީފައިވެއެވެ. https://sun.mv/201166 މިދިޔަ މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު، ރޯދަ މަހުގެ ކުރިން އިއުލާނު ކުރެވޭނެކަމުގެ ބޮޑު ޔަގީންކަމެއް އޮތް ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ