ރިޔާސީ ބަޔާން އިއްވާ ދުވަހު އެމްޑީޕީން މަޖިލިސް ދޮށަށް އެއްވަނީ ރިޔާސީ ބަޔާން އިއްވާ ދުވަހު އެމްޑީޕީން މަޖިލިސް ދޮށަށް އެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމަށް ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާއާ ދިމާކޮށް އިދިކޮޅު އެމްޑީޕީން މަޖިލިސް ކުރާ ގެ ކައިރިއަށް އެއްވާން ނިންމައިފި އެވެ.
އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ޕާޓީން މަޖިލިސް ދޮށަށް އެއްވަނީ ރިޔާސީ ބަޔާން އަޑުއެހުމަށް ކަމަށެވެ. ނަމަވެސް އެއްވާ ގަޑިއެއް އެ ޕޯސްޓުގައި ބުނެފައެއް ނުވެ އެވެ.
މީގެ ކުރިން ވެސް އެމްޑީޕީން ވަނީ މަޖިލިސް ދޮށަށް އެއްވެފަ އެވެ. އެ ގޮތުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބިދޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި ދުވަހާއި ފުލެޓާއި ގޯތި ލިބުން ލަސްވުމާ ގުޅިގެންޗވެސް އެމްޑީޕީން މަޖިލިސް ދޮށަށް އެއްވި އެވެ.
އެމްޑީޕީން މަޖިލިސް ދޮށަށް އެއްވި ކޮންމެ ފަހަރަކު ވެސް ފުލުހުން ވަނީ އެއްވުމަށް ހުރަސްއަޅާފަ އެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ، ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޮޑު އެއްވުމެއް ވެސް އެމްޑީޕީން ކުރިއަށް ގެންދިޔަ އެވެ.
ފުލުހުންގެ ހިމާޔަތާއެކު، ސުލްހަވެރިކޮށް ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ރައީސްގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށް ވެސް ގޮވާލާފައިވެ އެވެ. އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި ހިނގާލުމަކީ މި ސަރުކާރާ ދެކޮޅަށް މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ.
ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް މުއިއްޒު ބުރާސްފަތި ދުވަހު މަޖިލީހަށް ވަޑައިގަންނަވާއިރު، އެމަނިކުފާނާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ދެމެދު ވަނީ ސިޔާސީ އަރައިރުމެއް އުފެދިފަ އެވެ.
އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް މަގާމުން ދުރުކުރުމާ އެކު ހުޅުފަޅައިގެންދިޔަ މި ނުތަނަވަސްކަމުގެ ތެރެއިން، މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ދުރުކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ.
އެތެރެކޮއިލުގެ ނުތަނަވަސްކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް ރަސްމީގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ