ރިޔާސީ ބަޔާން އިއްވާ ދުވަހު އެމްޑީޕީން މަޖިލިސް ގޭދޮށަށް އެއްވަނީ
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާ އޮންނަ ވަގުތާ ދިމާކޮށް އިދިކޮޅު އެމްޑީޕީ އިން ރައްޔިތުންގެ މަޖިލިސް ކުރާ ގޭދޮށަށް އެއްވާން ނިންމައިފި އެވެ.އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ޕާޓީން މަޖިލިސް ދޮށަށް އެއްވަނީ ރިޔާސީ ބަޔާން އަޑުއެހުމަށް ކަމަށެވެ. ނަމަވެސް އެއްވާ ގަޑިއެއް އެ ޕޯސްޓުގައި ބުނެފައެއް ނުވެ އެވެ.މީގެ ކުރިން ވެސް އެމްޑީޕީން ވަނީ މަޖިލިސް ދޮށަށް އެއްވެފަ އެވެ. އެ ގޮތުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބިދޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި ދުވަހާއި ފުލެޓާއި ގޯތި ލިބުން ލަސްވުމާ ގުޅިގެންޗވެސް އެމްޑީޕީން މަޖިލިސް ދޮށަށް އެއްވި އެވެ.އެމްޑީޕީން މަޖިލިސް ދޮށަށް އެއްވި ކޮންމެ ފަހަރަކު ވެސް ފުލުހުން ވަނީ އެއްވުމަށް ހުރަސްއަޅާފަ އެވެ.ބުރާސްފަތި ރައީސް މުއިއްޒު އިއްވަވާނީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނެވެ. އަދި މިއީ 20 ވަނަ މަޖިލީހަށް އިއްވާ ފުރަތަމަ ރިޔާސީ ބަޔާނެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ތައްޔާރުވަމުންދާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ދެމެދު ވަނީ ގުޅުން ގޯސްވެފަ އެވެ. އެކަން އެނގެނީ މިދިޔަ ހަފްތާގެ ތެރޭގައި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ވަކިކުރެއްވުމުންނެވެ.ފައިސަލް، މަގާމުން ވަކިކުރެއްވި މައްސަލައިގައި އަދި އެއްވެސް ފަރާތަކުން ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް އެމަނިކުފާނާއި ރައީސް މުއިއްޒުއާ ދެމެދު ގުޅުން ރަނގަޅުނަމަ ރައީސް މުއިއްޒު، ފައިސަލް ވަކިނުކުރައްވާނެ ކަމަށް އަބްދުއްރަހީމް ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ. ގާނޫނުއަސާސީގައިވާ ގޮތުން ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދީ، ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސަށް ފެންނަ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ