ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ބުނީ، އޮފީސް އިމާރާތެއް ހޯދަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. މި ކަމަށް ޝަރުތުހަމަވާ ބަޔަކު ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށް ވެސް އިއުލާނުގައިވެއެވެ.
އެ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 252،000ރ. ހުށަހަޅަން ޖެހެއެވެ. ޕްރޮޖެކްޓްގެ ބިޑު ހުށަހަޅަން ޖެހޭނީ މި މަހުގެ 16 ވަނަ ދުވަހު މެންދުރު 1:00 ގެ ކުރިންނެވެ. ބިޑު ހުޅުވާނީ ޖެހިގެން އަންނަ 17 ވަނަ ދުވަހުއެވެ.
މީގެ ދެ މަހެއްހާ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ވަނީ އެންސްޕާ ހިންގާ އިމާރާތް ކުއްޔަށް ހޯދުމުގައި ކުރެވުނު މުއާމަލާތާ ގުޅުވާ ތުހުމަތުތަކެއް ކޮށްފައެވެ. ތުހުމަތު ކުރެވުނީ ވަރަށް ފަހުން ފެށި އެމްއެމްޓީވީން ކުއްޔަށް ނަގާފައިވާ އޮފީސް އިމާރާތެއް އެންސްޕާއަށް ކުއްޔަށް ދީފައިވާ ކަމަށެވެ.
އެންސްޕާ މިހާރު ހިންގަމުން އަންނަނީ "މޫކައި ސުއިޓްސް" ގަ އެވެ. އެކަމަކު އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، މަރާމާތު ކުރަން ޖެހޭތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެތަނުން ނުކުންނަން ޖެހޭ ކަމަށް އެންސްޕާ އިން ކުރިން ބުންޏެވެ.
އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ