އައިޖީއެމްއެޗްގެ ކިއު ކުޑަކުރުމަށް އޯޕީޑީގެ ޚިދުމަތް ހަވީރު ގަޑީގައި ދިނުމަށް މަޝްވަރާކުރަނީ

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް އޮތް ކިއު ކުޑަކުރުމަށް، އޯޕީޑީގެ ޚިދުމަތް ހަވީރު ގަޑީގައިވެސް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކުމުގެ ކިއު ބޮޑުވުމަށް ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނާއި އެކަށީގެންވާ ޖާގަ ނެތުން ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބައެއް އޮޕަރޭޝަންތައް ލަސްކުރަންޖެހެނީ ތިއޭޓަރުގައި ޖާގަ ނުވަތަ އެނދު ނެތިގެންކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް މިހާރުވެސް 75 އެނދު އައިޖީއެމްއެޗަށް އިތުރުކުރުމުގެ މަޝްރޫއު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޑޮކްޓަރުންނާ މަޝްވަރާކޮށްގެން ކިއު ކުޑަކުރެވޭނެ އިތުރު ގޮތްތައްވެސް ހޯދަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ފަހުން އައިޖީއެމްއެޗްގެ ސީނިއަރ ޑޮކްޓަރުންގެ ޓީމާ ބައްދަލުކޮށް ކިއު ކުޑަކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އޮޅުންފިލުވައި ހެދިން. ހަތަރު ފަސް ޑިޕާޓުމަންޓެއްގައި އެބަހުރި ވަރަށް ބޮޑު ކިއުއެއް. ނަމަވެސް ބައެއް ޑިޕާޓުމަންޓުތަކުގައި އެއްގޮތަކަށްވެސް ކިއުއެއް ނެތް،" ވަޒީރު ވިދާޅުވިއެވެ.
މިހާރު ހަމައެކަނި ހެނދުނު ގަޑީގައި ދެމުންގެންދާ އޯޕީޑީގެ ޚިދުމަތް ހަވީރު ގަޑީގައިވެސް ދިނުމަށްޓަކައި، ޑޮކްޓަރުންނަށް މުސާރައިގެ އިތުރުން އިތުރު އެލަވަންސް ދިނުމާމެދު މަޝްވަރާކުރަމުންދާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މި މަޝްވަރާތައް ނިމުމުން އިތުރު ހައްލުތަކެއް ލިބޭނެކަމުގެ އުންމީދު ވަޒީރު ފާޅުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ