މަމްސް އެއިޑް ޖަމިއްޔާއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ރަމަޟާން އެއިޑް" ކެމްޕޭނުގައި، އައިކެއާ އިން މިއަހަރުވެސް ބައިވެރިވެ، ބޭނުންޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފިއެވެ.
މިދިޔަ އަހަރުގެ ކާމިޔާބު ގުޅުމަށް ބިނާކޮށް، އައިކެއާގެ ފަރާތުން މިއަހަރު ހަދިޔާކޮށްފައިވަނީ ކޮންމެހެން ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭ "ކެއާ ބާސްކެޓް" ތަކެކެވެ.
މި ބާސްކެޓްތަކަކީ މި ބަރަކާތްތެރި މަހު އާއިލާތަކަށް ތަކުލީފެއް ނެތި، ހިތްހަމަޖެހުމާއެކު ރޯދައިގެ އަޅުކަމުގައި މަޝްއޫލުވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ތައްޔާރުކުރެވިފައިވާ އެހީއެއް ކަމަށް އައިކެއާއިން ބުންޏެވެ.
މި ހަރަކާތާ ގުޅޭގޮތުން އައިކެއާގެ މާކެޓިންގ މެނޭޖަރު ނާއިފާ ޖިހާދު ވިދާޅުވީ، ރަމަޟާން މަހަކީ އެކަކު އަނެކަކަށް އަޅާލުމާއި، ދީލަތިކަމާއި އޯގާތެރިކަން އިސްކުރާ މަހެއް ކަމަށެވެ.
"މަމްސް އެއިޑުން ކުރިއަށްގެންދާ 'ރަމަޟާން އެއިޑް' ކެމްޕޭނުގައި ބައިވެރިވެ، އާއިލާތަކަށް ލުޔެއް ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެންގެ އުންމީދަކީ އާއިލާތަކުގެ ދިރިއުޅުމުގެ ބުރަ ކުޑަކޮށްދީ، އިޖުތިމާޢީ ބަދަހިކަން އިތުރުކުރުމަށްޓަކައި އެހީ އެންމެ ހައްގުވާ ފަރާތްތަކަށް މާނަހުރި އެހީތެރިކަމެއް ލިބިގެންދިޔުން،" ނާއިފާ ވިދާޅުވިއެވެ.
ރަމަޟާން އެއިޑް ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކަށް ހަގީގީ ލުޔެއް ހޯދައިދިނުމެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން، ރާއްޖޭގެ އެކި ސަރަހައްދުތަކުން އެހީއަށް އެންމެ ބޭނުންޖެހިފައިވާ 300 އާއިލާއަކަށް އެހީ ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި އެހީ ލިބޭ އާއިލާތަކަކީ، އެހީ އެންމެ ހައްގުވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ހަރުދަނާ އުސޫލުތަކެއްގެ ދަށުން ވެރިފިކޭޝަން މަރުހަލާއެއް ފުރިހަމަކޮށް ކަނޑައަޅާފައިވާ އާއިލާތަކެކެވެ. މުޖުތަމަޢުގެ ދުޅަހެޔޮކަމަށާއި އިޖުތިމާޢީ ޒިންމާ އަދާކުރުމުގައި އަބަދުވެސް އައިކެއާ އިން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން އަރުވައެވެ.
އައިކެއާ އާއި މަމްސް އެއިޑުން އާއިލާތަކަށް "ކެއާ ބާސްކެޓް" ހަދިޔާކޮށްފި އައިކެއާ އާއި މަމްސް އެއިޑުން އާއިލާތަކަށް "ކެއާ ބާސްކެޓް" ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ