ނުފުރި ތިބި ފަސިންޖަރުންނަށް ކުރީގެ ޑޮމެސްޓިކް ޓާމިނަލް ހަމަޖައްސައިދީފި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ އެކު ފްލައިޓުތައް ކެންސަލްވެ، ރާއްޖޭން ނުފުރި ތިބި ފަސިންޖަރުންގެ ތެރެއިން އެއާޕޯޓުގައި ތިބޭ ފަސިންޖަރުންނަށް ކުރީގެ ޑޮމެސްޓިކް ޓާމިނަލް ހަމަޖައްސައިދީފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއިން ގަލްފްގެ ގައުމުތަކަށް ފުރަން އޮތް 8 ފްލައިޓެއް އިއްޔެ ކެންސަލްވި އެވެ. އެ ފްލައިޓުތަކުން ނުފުރި 1،400އެއްހާ ފަސިންޖަރުން ތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ރޭ ވިދާޅުވި އެވެ.
ތަފްސީލް - ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ރޭ ވިދާޅުވީ ފަސިންޖަރުން ތިބުމަށް ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ޑިޕާޗާ ހޯލް މަމަޖައްސައި، ވައިފައި ލިބޭނެ އިންތިޒާމު ވެސް އެމްއޭސީއެލް އިން ހަމަޖައްސާފައިވާ ކަމަށެވެ.
"ފަތުރުވެރިންނަށް ތިބެވޭނެ ގޮތަށް، ގޮނޑި އާއި ވައިފައި ވެސް ފަތުރުވެރިންނަށް ލިބޭ ގޮތަށް ހަމަޖައްސައިދެއްވާ، ފަތުރުވެރިން މިތަނަށް ބަދަލު ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ކުރީގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ހުންނަ ރެސްޓޯރެންޓުތަކުގެ ތިރީ ބައި ވެސް ފަސިންޖަރުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
އެއާޕޯޓުގައި ނުފުރި ފަތުރުވެރިންނަށް ނިދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެމްއޭސީއެލް އިން ވަނީ ރަޖަ އާއި ބާލީސް ވެސް ފޯރުކޮށްދީފަ އެވެ.
ގުޅުން ހުރި - މެދުއިރުމަތީގެ ހާލަތާ ގުޅިގެން މިއަދު ވެސް ރާއްޖެ އާއި އެ ސަރަހައްދުގެ ގައުމުތަކާ ދެމެދު ބާއްވަން އޮތް 14 ފްލައިޓެއް ވަނީ ކެންސަލްވެފަ އެވެ.
މިހާރުގެ ހާލަތާ ގުޅިގެން ފަތުރުވެރިން އެއާޕޯޓަށް ދިޔުމުގެ ކުރިން ފްލައިޓަށް އަންނަ ބަދަލުތައް ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ބެލުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ