ޑުރަގާއެކު ހައްޔަރު ކުރި ދެބެއިންގެ މައްޗަށް ދައުވާކޮށްފި
މަސްތުވާތަކެއްޗާއެކު މާލޭން މިދިޔަ އަހަރު ހައްޔަރު ކުރި ދެބެއިންގެ މައްޗަށް ދައުވާކޮށްފިއެވެ. މިދިޔަ ސެޕްޓެމްބަރު މަހު، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ދެބެއިންނަކީ، މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (34އ) އާއި މާލެ / މއ. މަޒާގެ، އާމިނަތު ޢިއްލިއްޔީން އަޙްމަދު (25އ) އެވެ. މި ދެބެއިންގެ މައްޗަށް ދައުލަތުންވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އަދި ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ދައުވާގެ އަޑު އެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔުމަށްވަނީ ތާވަލުކޮށްފައެވެ. މި ދެބެއިން ހައްޔަރު ކުރިއިރު، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުން ހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެޔަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމު ކަމަށް އޭރު ފުލުހުން ބުންޏެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމަކީ ނުވަތަ އެފަދަ އެއްޗެއް ޓްރެފިކް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވުމަކީ ކުށެކެވެ. މި ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއްގެ ބަރުދަނުގައި ހަތަރު ގްރާމަށްވުރެ އިތުރުވާ މިންވަރަށް މީހެއްގެ އަތުގައި ނުވަތަ ބާރުގެ ދަށުގައި އެތަކެތި ހުރެއްޖެނަމަ، އެ މީހަކީ އެ އެއްޗެއް ޓްރެފިކް ކުރާ މީހެއް ކަމަށް ގާނޫނީ ގޮތުން ބެލެވޭނެއެވެ. މީގެ މާނައަކީ އެ މިންވަރަށް އަތުގައި ހުރެއްޖެނަމަ، އެއީ ވިއްކުމަށް ނުވަތަ ޓްރެފިކް ކުރުމަށް ގެންގުޅޭ އެއްޗެއް ކަމަށް ގާނޫނު ބަލައެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ކެނެބިސް ބޭނުންކުރުމަކީ ނުވަތަ އަމިއްލަ ބޭނުމަށްޓަކައި ކެނެބިސް އަތުގައި ބެހެއްޓުމަކީ ކުށެކެވެ. މި ކުށުގެ އަދަބަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. ކެނެބިސްގެ ބަރުދަނުގައި 14 ގްރާމަށްވުރެ އިތުރުނުވާ މިންވަރަކަށް މީހެއްގެ އަތުގައި ނުވަތަ ބާރުގެ ދަށުގައި ހުރެއްޖެނަމަ، އެއީ އަމިއްލަ ބޭނުމަށް ގެންގުޅޭ އެއްޗެއް ކަމަށް ބެލެވިދާނެއެވެ. ނަމަވެސް 14 ގްރާމަށްވުރެ އިތުރުވެއްޖެނަމަ، އެއީ ޓްރެފިކް ކުރުމުގެ ކުށަށް ބަދަލުވާނެއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި، އެމީހުން އަލުން މުޖުތަމަޢަށް ނެރުމަށްޓަކައި ގާނޫނުގެ ދަށުން ފަރުވާގެ ފުރުޞަތު ލިބިދެއެވެ. އެ ގޮތުން، ކުށް ސާބިތުވާ މީހާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްނަމަ، ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އަމުރު ކުރެވިދާނެއެވެ. ފަރުވާގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިނަމަ، އެ މީހެއްގެ މައްޗަށް ކަނޑައެޅިފައިވާ ޖަލު އަދަބު ތަންފީޒުކުރާކަށް ނުޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ