ރާޖޭޝް ކަންނާއާއެކު ކައިވެނީގެ ގުޅުމެއް އޮތް ކަމަށް ބުނެ ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
އިންޑިއާގެ ކުރީގެ މަޝްހޫރު ތަރި ރާޖޭޝް ކަންނާއާއެކު އޮތް ގުޅުމަކީ ކައިވެންޏެއްގެ ގޮތުގައި ބަލައިގަތުމަށް އެދި ބަތަލާ އަނީތާ އަދުވާނީ ހުށަހެޅި މައްސަލަ ބޮމްބޭ ހައިކޯޓުން ބޭރުކޮށްލައިފިއެވެ. މިއީ 2012 ވަނަ އަހަރުގެ ޖުލައި މަހު ރާޖޭޝް ކަންނާ މަރުވުމާ ގުޅިގެން، އެކްޓަރާ އެކު އޮތް ގުޅުމަކީ ކައިވެންޏެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އަނީތާ ހުށަހެޅި މަދަނީ މައްސަލަ، މުމްބާއީގެ ދިންދޯޝީ ސެޝަންސް ކޯޓުން 2017 ވަނަ އަހަރު ބޭރުކޮށްލުމުން އެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލައެކެވެ. މިދިޔަ ބުދަ ދުވަހު ބޮމްބޭ ހައިކޯޓުން ނެރުނު އަމުރެއްގައި އަނީތާ އަދުވާނީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ބޭރުކޮށްލާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، ހައިކޯޓުން މި މައްސަލަ ބޭރުކޮށްލި ސަބަބުގެ ތަފްސީލީ ރިޕޯޓު އަދި އާންމެއް ނުކުރެއެވެ. އަނީތާ އަދުވާނީ އަދި ރާޖޭޝް ކަންނާ އަނބިމީހާ ޑީމްޕަލް ކަޕާޑިއާއާ އެކު-- ފޮޓޯ/ އިންޑިއަންއެކްސްޕްރެސް އަނީތާ އަދުވާނީ ދައުވާކޮށްފައި ވަނީ، ރާޖޭޝް ކަންނާ މަރުވަންދެން އެތައް އަހަރެއް ވަންދެން އޭނާއާ އެކު ދިރިއުޅެފައިވާ ކަމަށެވެ. އަދި ރާޖޭޝް ކަންނާ މަރުވުމަށްފަހު، އޭނާގެ އަންހެނުން ބަތަލާ ޑިމްޕަލް ކަޕާޑިއާއާއި، ދަރިފުޅު ޓްވިންކަލް ކަންނާގެ އިތުރުން ދަނބިދަރިފުޅު އަކްޝޭ ކުމާރު ވެގެން، ރާޖޭޝް ކަންނާގެ ގެ 'އާޝިރުވާދު'އިން އޭނާ ނެރެ ބޭރުކޮށްލާފައިވާ ކަމަށް އަނީތާ ވަނީ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. މީގެ އިތުރުން، ގެވެށި އަނިޔާއިން ރައްކާތެރިކޮށްދޭ ގާނޫނުގެ ދަށުން 2013 ވަނަ އަހަރު އަނީތާ ވަނީ ޑިމްޕަލް ކަޕާޑިއާއާއި، ރިންކީ ކަންނާ، ޓްވިންކަލް ކަންނާ އަދި އަކްޝޭ ކުމާރާ ދެކޮޅަށް މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. މި މައްސަލާގައި އޭނާ އެދިފައިވަނީ މަހުން މަހަށް ދޭންޖެހޭ ޚަރަދުގެ އިތުރުން، މުމްބާއީގެ ބަންޑްރާ ސަރަހައްދުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް އޭނާއަށް ހޯދައިދިނުމަށެވެ. ނަމަވެސް، 2015 ވަނަ އަހަރު ހައިކޯޓުން ވަނީ އަނީތާ ހުށަހެޅި މައްސަލަ ބާތިލުކޮށް، ޑިމްޕަލް ކަޕާޑިއާއާއި އޭނާގެ އާއިލާއިން އެ މައްސަލަ ބޭރުކޮށްލުމަށް އެދި ހުށަހެޅި ހުށަހެޅުމަށް ތާއީދުކޮށްފައެވެ. ހައިކޯޓުން މި މައްސަލަ ބާތިލުކުރިއިރު ފާހަގަކޮށްފައި ވަނީ، އަަދުވާނީއާއި ކަންނާއާ ދެމެދު އޮތް ގުޅުމަކީ ކައިވެނީގެ ސިފަ އެކުލެވޭ ގުޅުމެއް ނޫން ކަމަށެވެ. އެހެންކަމުން، ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އޭނާއަށް އެއްވެސް ލުޔެއް ނުވަތަ ހައްގެއް ހޯދުމަށް އެދި ހުށަނޭޅޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަނީތާ އަދުވާނީ ކުރީގެ އެކްޓަރު ރާޖޭޝް ކަންނާއާ އެކު-- ފޮޓޯ/ އެންޑީޓީވީ މީގެ އިތުރުން، އަދުވާނީ އެއްވެސް އިރެއްގައި ރާޖޭޝް ކަންނާގެ އާއިލާގެ މެންބަރުންނާއެކު ދިރިއުޅެފައި ނުވާތީ، މަރުވެފައިވާ ފިލްމީ ތަރީގެ އާއިލާގެ އެއްވެސް މެންބަރަކު މި ގާނޫނީ މައްސަލައިގެ ތެރެއަށް ނުވެއްދޭނެ ކަމަށް ބުނެފައެވެ. އަނީތާ އަދުވާނީއަކީ ކުރީގެ ބޮލީވުޑް ބަތަލާއެކެވެ. ނަމަވެސް އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ކުރީގެ ސުޕަސްޓާ ރާޖޭޝް ކަންނާއާއެކު ދިގު މުއްދަތެއް ވަންދެން ލޯބީގެ ގުޅުމެއް އޮތް މީހެއްގެ ގޮތުގައެވެ. އަދި އޭނާއަކީ ރާޖޭޝް ކަންނާގެ އަނބިމީހާގެ ގޮތުގައި ބަލައިގަތުމަށް އެދި 10 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން އޭނާ ވަނީ ގާނޫނީ ގޮތުން މަސައްކަތް ކޮށްފައެވެ. ނޮވެމްބަރު 20، 1962 ގައި މުމްބާއީއަށް އުފަންވި އަނީތާއަކީ ފިލިޕީންސްގެ ކުރީގެ ރައީސް ފާޑިނަންޑް މާކޯސްގެ އާއިލީ ބޭފުޅެއް ކަމަށް ބުނެވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި 2004 ވަނަ އަހަރުން ފެށިގެން، 2012 ވަނަ އަހަރު ރާޖޭޝް ކަންނާ މަރުވުމާ ހަމައަށް އޭނާ ދިރިއުޅެމުން ދިޔައީ ރާޖޭޝް ކަންނާގެ މަޝްހޫރު ބަންގަލޯ "އާޝިރުވާދު"ގައެވެ. އަދި ރާޖޭޝް ކަންނާ ބަލިވެ އުޅުނު ދުވަސްވަރު އޭނާގެ ކަންކަން ބަލަހައްޓައި، އޭނާއަށް އޯގާތެރިކަމާއެކު ޚިދުމަތް ކުރީ އަދުވާނީއެވެ. އަދުވާނީ ދައުވާކުރާ ގޮތުގައި ރާޖޭޝް ކަންނާ މަރުވުމުގެ ކުރިން ދެ މީހުން ދިރިއުޅުނު ގޭގައި ވަނީ ސިއްރުން ކައިވެނިކޮށްފައެވެ. ނަމަވެސް މިހާތަނަށް އެކަން ސާބިތުކޮށްދެވިފައި ނުވާއިރު ރާޖޭޝް ކަންނާ މަރުވިއިރު ވެސް ޑިމްޕަލްއާ ދެ މީހުންގެ ކައިވެނި ނިމުމަކަށް ގެނެސްފައެއް ނުވެއެވެ. އެހެންކަމުން އަދުވާނީއާއެކު ކައިވެނިކުރި ކަމަށް ބުނި ނަމަވެސް އިންޑިއާގެ ހިންދޫ ދީނުގައި އޮންނަ ގޮތުން އެ ކައިވެނި ސައްހަ ނުވާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ. ޑިމްޕަލްއާ ރާޖޭޝް ކަންނާ ކައިވެނި ކޮށްފައި ވަނީ 1973ވަނަ އަހަރުއެވެ. ނަމަވެސް އެ ކައިވެންޏަށް ނުވަ އަހަރުވީފަހުން ދެ ތަރިން ވަނީ ވަކިވިކަން އިއުލާނުކޮށްފައެވެ. އެހެންނަމަވެސް ރާޖޭޝް ކަންނާ މަރުވިއިރުވެސް ރަސްމީކޮށް ދެ މީހުން ވަރިވެފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާގޮތުން 2012 ވަނަ އަހަރު ރާޖޭޝް ކަންނާގެ ބަލިހާލަތު ބޮޑުވުމާ ގުޅިގެން ދެ މީހުންގެ މެދުގައި އުފެދުނު ރުޅިވެރި ކަމަށް ނިމުން ގެނެސް "ބޮބީ"ގެ ބަތަލާ ވަނީ އަލުން ރާޖޭޝް ކަންނާއާ އެކު ސުލްހަ ޤާއިމުކޮށް އެކީގައި އުޅެން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ