އިއްޔެ ބޭއްވި އިންތިހާބުތަކުގައި ވޯޓު ލުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން %72 މީހުން ވޯޓުލާފައިވާ ކަމަށް ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ތިން އިންތިހާބެއް އެއްފަހަރާ ކުރިއަށް ގެންދިޔަ އެވެ. އެއީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓެވެ.
މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 294،876 އެވެ.
ތަފްސީލް - ރޭ ދަންވަރު އީސީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެވަގުތާ ހަމައަށް ގުނި ވޯޓުފޮށިތަކުގެ ނަތީޖާ ދައްކަނީ، 214،898 މީހަކު އެ އިންތިހާބުތަކުގައި ވޯޓުލާފައިވާ ކަމަށް ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %72.88 ކަމަށް ބުންޏެވެ.
އިއްޔެ ހެނދުނު 8 ޖެހިއިރު ވޯޓުލާން ފެށި މި އިންތިހާބުތަކުގައި ވޯޓުލުމުގެ ފުރުސަތުދޭ ގޮތަށް ފުރަތަމަ އޮތީ ހަވީރު 4 ޖެހުމާ ހަމައަށެވެ. އެހާތަނަށް ވޯޓުލެވިފައި ވަނީ %62.98 މީހުންނަށެވެ.
ވޯޓުލުމުގެ ވަގުތު ހަމަވައިރު ވެސް، ގިނަ މަރުކަޒުތަކުގައި ވޯޓުލާން ބޭނުންވާ މީހުން ތޮއްޖެހިފައިވާތީ، ވަގުތު އިތުރުކޮށް ކިއޫތައް ބަންދުކުރީ 5 ޖެހިއިރު އެވެ. ކިއޫތައް ބަންދުކުރި ނަމަވެސް ވޯޓުލުން ނިމި ހުރިހާ ފޮއްޓެއް ބަންދުކުރެވުނީ ރޭ 10:30 އެހާކަންހާއިރު އެވެ.
އެނގުން މުހިންމު - މިއީ 2021 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ވޯޓުލީ މީހުންނާ އަޅާބަލާ އިރު %5 އިތުރު އަދަދެކެވެ. އެ ފަހަރު ވޯޓުލުމުގެ ހައްގު 273,128 މީހުންނަށް ލިބުނުއިރު، ވޯޓުލާފައިވަނީ 189,517 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %68 އެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ވެސް މެޖޯރިޓީ ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. މީގެ އިތުރުން، ދެ އިންތިހާބު އެއްކޮށްލުމަށް ނެގި ވޯޓުގައި ވެސް މެޖޯރިޓީ މީހުން ބުނެފައިވަނީ ނޫނެކޭ އެވެ.
ވޯޓުލީ މީހުންގެ އަދަދު %72 އިން މަތީގައި؛ މިއީ އެންމެ ގިނަ މީހުން ވޯޓުލީ ކައުންސިލް އިންތިހާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ