ތަފާތު ތަޖުރިބާތަކަށް ފަހު، ޒިކުރާ ކޮލެޖުގެ ދަރިވަރުން ތުރުކީއަށް ކުރި ދަތުރު ނިންމާލައިފި
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުން މި މަހުގެ 14 ގައި ތުރުކީވިލާތުގެ އިސްތަންބޯލަށް ކުރި އެކްސްޕޯޝާ ދަތުރު ނިންމާލައި، އެނބުރި ރާއްޖެ އަތުވެއްޖެއެވެ. އެ ކޮލެޖުގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒުގެ ފަރާތުން ހިންގާ ތަފާތު އެކިއެކި ޕުރޮގްރާމްތަކުގައި ކިޔަވަމުން އަންނަ 21 ދަރިވަރުންނާއި ކޮލެޖުގެ މުވައްޒަފުންނާ އެކު، ޖުމުލަ 27 މީހުން މި ދަތުރުގައި ބައިވެރިވިއެވެ. ޒިކުރާ ކޮލެޖުގެ ދަރިވަރުން ތުރުކީއަށް ކުރި ދަތުރުގެ ތެރެއިން: ބައިވެރިން މިހާރު ވަނީ އެނބުރި ރާއްޖެ އައިސްފައި -- ފޮޓޯ/ ޒިކުރާ ކޮލެޖް ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ބުނީ، މި ދަތުރުގެ ބައިވެރިން ހަސޭކީ ރިލިޖަސް ހަޔާ އެޑިއުކޭޝަން އިންސްޓިޓިއުޝަނަށާއި އެފްއެސްއެމް އިންޓަނޭޝަނަލް އެނަޓޯލިއަން ރިލިޖަސް ހައި ސްކޫލަށާއި އިސްޓަންބުލް ޔުނިވަސިޓީ ފެކަލްޓީ އޮފް ތިއޮލޮޖީއަށާއި ފާތިހު ޤުރުއާން ކުލާސްތަކަށް ޒިޔާރާތްކުރި ކަމަށެވެ. އެ ގޮތުން، އެ ޒިޔާރަތްތަކުގައި ކޮލެޖުގެ ދަރުވަރުންނާއި އެ ތަންތަނުގެ ދަރިވަރުންނާއި ގުޅިގެން ބައެއް ހަރަކާތްތައް ކުރިއަށްގެންދިޔަ ކަމަށް ޒިކުރާ ކޮލެޖުން ބުންޏެވެ. ޒިކުރާ ކޮލެޖުގެ ދަރިވަރުން ތުރުކީގައި: މި ދަތުރުން ތަފާތު ތަޖުރިބާތައް ލިބުން -- ފޮޓޯ/ ޒިކުރާ މީގެ އިތުރުން، ކުރީޒަމާނުގެ އިސްލާމީ ސަގާފަތް ފެންނަން ހުރި ގަދީމީ މިސްކިތްތަކުގެ ތެރެއިން އިސްތަންބުލްގެ ހާގިއާ ސޯފިއާއާއި ސުލޭމާނިއްޔާ މޮސްކާއި ސަހާބާ-އަންސާރީ މިސްކިތާއި ބްލޫ މޮސްކަށާއި ބޮސްފަރަސް ކްރޫސަށާއި ގްރޭންޑް ބާޒާރަށާއި ގަލާޓާ ޓަވަރަށް މި ދަތުރުގައި ޒިޔާރަތްކުރިއެވެ. އެ ކޮލެޖުން ބުނި ގޮތުގައި، މި ދަތުރުގެ ބައިވެރިންގެ ތެރޭގައި މާސްޓާސްއާއި ޑިގްރީއާއި ސެޓްފިކެޓް ލެވެލް ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުން ހިމެނުނެވެ. ދަތުރު ނިންމައި، މިދިޔަ އަންގާރަ ދުވަހު ކޮލެޖުގެ ބައިވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޒިކުރާ ކޮލެޖުގެ ދަރިވަރުން ތުރުކީގައި: ދަތުރުން ތަފާތު ތަޖުރިބާތައް ލިބުނު --- ފޮޓޯ/ ޒިކުރާ ޒިކުރާ ކޮލެޖުން ބުނީ، ބައިވެރިންނަށް މި ދަތުރުވީ އިސްލާމީ ޙަޟާރަތުގެ ފިލާވަޅުތައް ކުލާސްރޫމް ބޭރުގައި ދަސްކުރަން ލިބުނު ފުރުސަތަކަށް ކަމަށެވެ. މި ދުވަސްވަރަކީ ތުރުކީވިލާތުގެ ފިނިމޫސުންކަމުން އެކަން އިޚުސާސް ކުރުމުގެ ފުރުސަތާއި އެހެނިހެން ދާއިރާތަކުން ވެސް ދަތުރުގައި ބައިވެރިވާ ދަރިވަރުންނަށް ތަފާތު ތަޖުރިބާތައް މި ދަތުރުގެ ތެރެއިން ލިބުނުކަން ޒިކުރާއިން ފާހަގަކުރިއެވެ. މި ދަތުރުގެ ފުރަތަމަ ދުވަހު ދަތުރުގެ ބައިވެރިން ޒިޔާރާތްކުރި ޔުނިވާސިޓީތަކަށާއި ސްކޫލްތަކަށާއި ޤުރުއާން ކިލާސްތަކަށް ޒިޔާރަތްކޮށް، ގުޅުން ބަދަހިކުރުމުގެ ކަންތައްތައް ޒިކުރާ ކޮލެޖަށް ހަމަޖައްސާދިނީ ތުރުކީވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިވެގެން ތުރުކީގެ ޕްރެސިޑެންސީ އޮފް ރިލިޖަސް އެފެއާޒުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ