އައިއޯއެސް 27އާ އެކު ވަރުގަދަ އޭއައި ޗެޓްބޮޓަކަށް ސިރީ ބަދަލުވަނީ

އެޕަލްގެ އައިފޯން ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ މުޅިން ބަދަލުކޮށްލާނެ ފަދަ ވަރުގަދަ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ޗެޓްބޮޓަކަށް ސިރީ ބަދަލުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. ބްލޫމްބާގުން ރިޕޯޓްކުރާ ގޮތުގައި "ކެމްޕޯސް"ގެ ކޯޑް ނަމުން ނަންދެވިފައިވާ މި އައު ޗެޓްބޮޓް އައިއޯއެސް 27، އައިޕެޑް އޯއެސް 27 އަދި މެކް އޯއެސް 27 ގައި ހިމަނައި، މިހާރު ބޭނުންކުރާ ސިރީގެ ބަދަލުގައި މުޅިން އައު ނިޒާމެއްގެ ގޮތުގައި ތައާރަފުކުރާނެއެވެ. މި ޗެޓްބޮޓަކީ ވަކި އެޕްލިކޭޝަނެއްގެ ގޮތުގައި ލިބެން ހުންނާނެ އެއްޗެއްގެ ބަދަލުގައި، ފޯނުގެ ސައިޑް ބަޓަނަށް ފިތާލުމުން ނުވަތަ އަޑުން އަމުރުކުރުމުން މަސައްކަތްކުރާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. ގޫގުލް ޖެމިނައި މޮޑެލްގެ އެހީގައި ފަރުމާކޮށްފައިވާ މި ޗެޓްބޮޓަކީ އިންސާނުން ވާހަކަދައްކާ އާންމު ބަހުރުވައިން މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެއް ކަމަށް މައުލޫމާތު ލިބެއެވެ. https://sun.mv/216621 މީގެ ސަބަބުން އިންޓަނެޓުން މައުލޫމާތު ހޯދުމާއި، ލިޔުންތައް ޚުލާސާކުރުމާއި، ކޯޑް ކުރުމުގެ އިތުރުން ފައިލްތައް ދިރާސާކުރުން ފަދަ ޗެޓްޖީޕީޓީ، ޖެމިނައި އަދި ކްލޯޑް ފަދަ ޗެޓްބޮޓްތަކުން ލިބޭ ހުރިހާ ޚިދުމަތެއް ސިރީ މެދުވެރިކޮށް ލިބޭނެއެވެ. އެހެން ޗެޓްބޮޓްތަކާ ޚިލާފަށް އެޕަލްގެ މި އައު އުފެއްދުމަށް ފޯނުގައި ހުންނަ އަމިއްލަ މައުލޫމާތުތައް ކިޔުމުގެ ހުއްދަ އޮންނާނެއެވެ. އަދި، ފޯނުގެ ސްކްރީނުން ފެންނަ މަންޒަރުތައް ދެނެގަނެ، ފޯނުގެ ސެޓިންސްތަކަށް ބަދަލު ގެނައުމުގެ ބާރު ވެސް ސިރީއަށް ލިބޭނެއެވެ. އެޕަލްގެ ހުރިހާ އެޕްލިކޭޝަންތަކެއް ކަމަށްވާ މެއިލް، ފޮޓޯސް، މެސެޖަސް އަދި މިއުޒިކް ފަދަ ވަސީލަތްތަކުގެ ތެރެއަށް ސިރީ ވަދެފައި އޮންނާނެތީ، ވަކިވަކި މަސައްކަތްތައް ކުރުމަށް ސިރީއަށް އަމުރުކުރެވޭނެއެވެ. މީގެ އިތުރުން، މުޅި ފޯނުން މައުލޫމާތު ހޯދުމަށް މިހާރު ބޭނުންކުރާ ސްޕޮޓްލައިޓް ސާޗްގެ ބަދަލުގައި ވެސް މި ޗެޓްބޮޓް ބޭނުންކުރެވޭނެއެވެ. ޕްރައިވެސީ ނުވަތަ އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަމަށްޓަކައި، އެހެން ޗެޓްބޮޓްތަކާ ޚިލާފަށް ސިރީގެ ހަނދާން ބެހެއްޓުމުގެ މިންވަރު އެޕަލްއިން ވަކި މިންވަރަކަށް ހިފަހައްޓާނެ ކަމަށް ބެލެވެއެވެ. މި އައު ބަދަލުތަކަކީ އައިއޯއެސް 26.4އާ އެކު ތައާރަފުކުރާނެ ކަމަށް ބެލެވޭ އޭއައި ފީޗާތަކަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މި ޗެޓްބޮޓް ރަސްމީކޮށް ދައްކާލާނީ އެޕަލްގެ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައެވެ. މިއީ ސެމްސަންގްގެ ގެލެކްސީ އެސް 26 ސީރީޒްގައި ހިމެނޭ ބިކްސްބީއާ ވާދަކުރުމަށް އައިފޯން 18 ޕްރޯ މޮޑެލްތަކަށް އެޕަލްއިން ގެންނަ އެންމެ ވަރުގަދަ ފީޗާއެވެ. ސިރީއަށް ގެންނަ މި އިންގިލާބީ ބަދަލަކީ މީގެ ކުރިން އޭއައިގެ ދާއިރާއިން އެޕަލްއަށް ކުރިމަތިވި ނާކާމިޔާބީތަކުން އަރައިގަތުމަށް އަޅާ ވަރުގަދަ ފިޔަވަޅެއް ކަމަށް މާހިރުން ދެކެއެވެ. ނަމަވެސް، މިއީ އަދިވެސް ރަސްމީކޮށް ކަށަވަރުނުވާ އަޑުތަކެއްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ