ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ޕަވަރ ޕްލާންޓް 15 އަހަރަށްފަހު ހުޅުވައިފި

ޖަޕާނުގެ ނީގާޓާ ޕްރިފެކްޗަރގައި ހުންނަ، ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ހަކަތަ އުފައްދާ މަރުކަޒު ކަމަށްވާ "ކަޝިވަޒާކީ-ކަރިވާ" ޕްލާންޓުގެ ރިއެކްޓަރެއް ޖަޕާނުން އަލުން ބޭނުންކުރަން ފަށައިފިއެވެ.
މިއީ 2011 ވަނަ އަހަރު ފުކުޝީމާގައި ހިނގި ނިއުކްލިއާ ހާދިސާއަށްފަހު، އެ ގައުމުގެ ހަކަތައިގެ ސިޔާސަތަށް އައި ތާރީޚީ ބަދަލެކެވެ.
ޓޯކްޔޯ އިލެކްޓްރިކް ޕަވަރ ކޮމްޕެނީ (ޓެޕްކޯ) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ސަލާމަތީ ކަންކަން ފުރިހަމައަށް ބެލުމަށްފަހު އެ މަރުކަޒުގެ 6 ވަނަ ރިއެކްޓަރު މިދިޔަ ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މިއީ 2011 ވަނަ އަހަރުގެ ހާދިސާއަށްފަހު ޓެޕްކޯއިން އަލުން ހުޅުވި ފުރަތަމަ ރިއެކްޓަރުވެސް މެއެވެ. 
ހަތް ރިއެކްޓަރުގެ މައްޗަށް އެކުލެވޭ މި މަރުކަޒަކީ ގާތްގަނޑަކަށް 8.2 ގިގާވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ ތަނެކެވެ. މިއީ އެތައް މިލިއަން ގޭބިސީއަކަށް ބޭނުންވާ ހަކަތަ ފޯރުކޮށްދެވޭނެ މިންވަރެކެވެ. މިވަގުތު ހުޅުވާފައިވަނީ އެންމެ ރިއެކްޓަރެއް ނަމަވެސް، މިއީ ޖަޕާނުގެ ނިއުކްލިއާ ދާއިރާ އަލުން ދިރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ޓެޕްކޯއިން ހާމަކުރި ގޮތުގައި، މި ރިއެކްޓަރު ފުރިހަމަ ގޮތުގައި ވިޔަފާރި އުސޫލުން ބޭނުންކުރަން ފެށޭނީ އިތުރު ޓެސްޓުތަކަށްފަހު މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ.
މި ނިންމުމަކީ ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަޕާނުން އެޅި ފިޔަވަޅެކެވެ. ގުދުރަތީ ވަސީލަތްތައް މަދު ޖަޕާނަށް ކުރިމަތިވެފައިވާ ހަކަތައިގެ އަގު ބޮޑުވުމުގެ މައްސަލައަށް މިއީ ލިބޭނެ ބޮޑު ލުޔެކެވެ.
މީގެ އިތުރުން، 2050 ވަނަ އަހަރާ ހަމައަށް "ކާބަން ނިއުޓްރަލް" ގައުމަކަށް ވުމަށް ޖަޕާނުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި ވެސް ނިއުކްލިއާ ހަކަތައަކީ މުހިންމު ވަސީލަތެއް ކަމަށް އެ ގައުމުގެ ސަރުކާރުން ދެކެއެވެ. ޚާއްޞަކޮށް ޑޭޓާ ސެންޓަރުތަކާއި ކުރިއަރާފައިވާ ސިނާއަތްތަކަށް ބޭނުންވާ ކަރަންޓުގެ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި މިއީ ވަރަށް މުހިންމު ކަމެކެވެ.
2011 ވަނަ އަހަރުގެ މާރިޗު މަހު ކުރިމަތިވި ބާރުގަދަ ބިންހެލުމާއި ސުނާމީގައި ފުކުޝީމާ ޕްލާންޓުގެ ކޫލިންގ ސިސްޓަމްތައް ފެއިލްވެ، ރިއެކްޓަރުތައް ގޮވައި، ރޭޑިއޭޝަން ބޭރުވުމުގެ ސަބަބުން ކުރިމަތިވި ހިތާމަވެރި ހާދިސާއާ ގުޅިގެން ޖަޕާނުގެ ހުރިހާ ނިއުކްލިއާ ޕްލާންޓްތަކެއް އޭރު ބަންދުކުރަން ޖެހުނެވެ.
އެ ކާރިސާއަށްފަހު ޖަޕާނުން ވަނީ ނިއުކްލިއާ ސަލާމަތީ މިންގަނޑުތައް ދުނިޔޭގެ އެންމެ ވަރުގަދަ ފެންވަރަށް މަތިކޮށްފައެވެ. "ކަޝިވަޒާކީ-ކަރިވާ" ޕްލާންޓުގައި ވެސް ސުނާމީއާއި ބިންހެލުމުން ރައްކާތެރިވުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެހެންނަމަވެސް، މިކަމާ ގުޅިގެން އާންމުންގެ މެދުގައި، ހާއްސަކޮށް އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި އަދިވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
ފުކުޝީމާ ހާދިސާއަށްފަހު ޖަޕާނުގެ ގިނަ ރިއެކްޓަރުތަކެއް ބަންދުކުރި ނަމަވެސް، މަޑުމަޑުން ބައެއް ރިއެކްޓަރުތައް ހުޅުވަމުން އައިސް ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓް އަލުން ހުޅުވުމަކީ ޖަޕާނުގެ ނިއުކްލިއާ ދާއިރާ އަލުން ކޮޅަށް ޖެހުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައި އެޤައުމުން ދެކެއެވެ. އަދި މިއީ ހަކަތައިގެ ބޭނުންތަކާއި، ތިމާވެށީގެ އަމާޒުތަކާއި، އަދި އާންމުންގެ އިތުބާރު ހޯދުމަށް ޖަޕާނުން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއްކަމަށް ތަޖުރިބާކާރުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ