ކަނޑުއަޑީގެ ރެކޯޑް ހެދުމުގެ ހަރަކާތުގައި އުރީދޫން ބައިވެރިވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ވިޒިޓް މޯލްޑިވްސް (ވީއެމްސީ) އާއި މަޝްހޫރު ދިވެހި ޑައިވަރު ޝަފްރާޒް ނައީމް ގުޅިގެން، ކަނޑުއަޑީގައި ދުނިޔޭގެ ރެކޯޑެއް ގާއިމުކުރުމަށް ކުރިއަށްގެންދާ ތާރީހީ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫން ބައިވެރިވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'އެކްރޮސް މޯލްޑިވްސް 2026'އަކީ ތިން އަތޮޅެއްގެ ކަނޑުއަޑިން ދަތުރުކޮށް، ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހޯދުމަށް ހިންގާ ބޮޑު ހަރަކާތެކެވެ.
ތަފްސީލް - މާދަމާ ފަށާ މި ދަތުރުގައި، 15 ދުވަސް ތެރޭ 450 ކިލޯމީޓަރަށް ވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑަތުކުރުމަށް ވަނީ އަމާޒު ހިފާފަ އެވެ. އެގޮތުން:
ޝަފްރާޒް ކުރިއަށްގެންދާ މި ދަތުރުގައި 'ޑައިވާ ޕްރޮޕަލްޝަން ވެހިކަލް' (ޑީޕީވީ) ބޭނުންކޮށްގެން 90 ގަޑިއިރަށް ވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކުރާނެ
މި މުއްދަތުގެ ތެރޭގައި 55 ފަހަރު ފީނާނެ
މި ހަރަކާތުގެ ތެރެއިން ގާއިމުކުރުމަށް މަސައްކަތްކުރާ ދެ ރެކޯޑަކީ:
ޑީޕީވީ ބޭނުންކޮށްގެން އެއްފަހަރު ފީނައިގެން ކަނޑުގެ ސަރަހައްދެއްގައި އެންމެ ދުރަށް ދަތުރުކުރުން
އެއް މަސްދުވަހުގެ ތެރޭގައި ޑީޕީވީ ބޭނުންކޮށްގެން އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރުން
ބުނީ ކީކޭ؟ - ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫން މި އެކްސްޕެޑިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެގޮތުން، ޑިޖިޓަލް ކަނެކްޓިވިޓީގެ ޒަރިއްޔާއިން ރާއްޖޭގެ ކަނޑުތަކުގެ ވާހަކަ މުޅި ދުނިޔެއާ ހިއްސާ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ޕާޓްނަޝިޕްގެ ސަބަބުން އުރީދޫ މޯލްޑިވްސްއިން ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުގައި ކުރިއަށްދާ އިނޮވެޓިވް މަސައްކަތްތައް ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދެ އެވެ،" އުރީދޫން ނެރުނު ބަޔާނެއްގައިވެ އެވެ.
"އުރީދޫން އަންނަނީ ޓެކްނޮލޮޖީ އާއި މުޖުތަމައަށް ފައިދާ ކުރަނިވި ކަންކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރަނގަޅު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ."
ފާހަގަކޮށްލެވޭ - މި ދަތުރުގެ ތެރެއިން ބައެއް ރަށްރަށަށް ޒިޔާރަތްކުރާނެ އެވެ. އެގޮތުން، ރަށު ކައުންސިލްތަކާއި ޕާޓްނަރުންގެ އެހީތެރިކަމާ އެކު، ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ ތަފާތު މެސެޖުތައް ހިމެނޭ ގޮތަށް ހާއްސަ ޑޮކިއުމަންޓްރީއެއް ތައްޔާރުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ