ހަނިމާދޫ ކައުންސިލުން އެކްސްކަވޭޓަރު ހޯދަން އިއުލާނުކުރީ ވަކިބަޔަކަށް މަންފާވާގޮތަށް: އޮޑިޓް

ހދ.ހަނިމާދޫ ކައުންސިލް އިދާރާއިން 2023 ވަނަ އަހަރު އެކްސްކަވޭޓަރެއް ގަތުމަށް ބީލަން ހުޅުވާލާފައިވަނީ ވަކިބަޔަކަށް މަންފާ ހޯދައިދިނުމަށް ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރެފައިވާ ހަނިމާދޫ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެއަހަރު ކައުންސިލް އިދާރާއިން އެކްސްކަވާޓަރެއް ގަނެފައިވަނީ ވަކިބަޔަކަށް މަންފާހޯދައިދިނުމަށް ކަމަށެވެ.
އޮޑިތް ރިޕޯޓްގައި ވަނީ ކައުންސިލުން އެ މުއާމަލާތްތައް ކުރިއަށްދިޔަގޮތް ބަޔާންކޮށްފައެވެ. އެގޮތުން ބިޑް އިއުލާންކޮށްފައިވަނީ އެންމެ 10 ދުވަހުގެ ތެރޭގައި އެކްސްކަވޭޓަރެއް ހޯދައި ހަވާލުކުރާގޮތަށް ކަމަށާއި، އެ މުއްދަތަކީ އެފަދަ އެއްޗެއް ރާއްޖެއިން ބޭރުން ގެނެސްގެން ފޯރުކޮށްދެވޭނެ މުއްދަތެއް ނޫންކަމަށެވެ. އަދި ބިޑް ޑޮކިއުމަންޓްގައި ވަކި ބްރޭންޑެއް ކަނޑައަޅާފައިވުމުގެ ސަބަބުން ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތާއި، ވާދަވެރި މާހައުލެއްގައި ބިޑްކުރުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ ފުރުސަތު ގެއްލިފައިވާަކމަށެވެ.
އެކްސްކަވޭޓަރު ގަތުމުގެ ބީލަމުގައި 3 ކުންފުންޏަކުން ބައިވެރިވެފައިވާއިރު، ހަނިމާދޫ ކައުންސިލުން ވަނީ، އެ ވެހިކަލް ގަތުމަށް 972،972 ރުފިޔާ ހަރަދުކޮށްފައެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ބީލަން ކާމިޔާބުކުރި ކުންފުނިން އެއްބަސްވުމުގައި ސޮއިކުރިތާ އެއްދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް އެކްސްކަވޭޓަރު ހަވާލުކޮށްދީފައިވާަކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ، ޕްރޮކިއުމަންޓްގެ އެކަންކަން ކުރިއަށް ގެންގޮސްފައިވަނީ ވަކިބަޔަކަށް މަންފާވާގޮތައް ކަމަށްވާތީވެ، އެ މައްސަލަ ބެލުމަށްފަހު ކަމާބެހޭ މިނިސްޓްރީން ކަނޑައެޅިފައިވާ އިންތިޒާމްގެ ތެރެއިން، މައްސަލަ ބެލުމަށްފަހު މައްސަލައަކީ ޖިނާއީ ކުށެއް ހިމެނޭ ކަމެއްނަމަ އެ މައްސަލަ ބެލުމަށްފަހު ތަހްޤީޤީ އިދާރާއަށް ފޮނުވަން ލަފާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ