މައުމޫންގެ މައްޗަށް ރިޝްވަތުގެ ފަސް ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ކޮރަޕްޝަންގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އޭނަގެ މައްޗަށް ރިޝްވަތު ހިފުމުގެ ޖުމްލަ ހަތް ދައުވާއެެއް ކޮށްފައިވެ އެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނަ 12 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ގައި ހުކުމްކޮށްފައިވެ އެވެ.ކުރިމިނަލް ކޯޓުގެ އެ ހުކުމް މާނުގެ ފަރާތުން ވަނީ ހައި ކޯޓުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ އަދިވެސް އޮތީ "ހުށަހެޅިފައި" މަރުހަލާގަ އެވެ.ކުރިމިނަލް ކޯޓުގައި މިއަދު ވަނީ މާނުގެ މައްޗަށް ދެންކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް ތާވަލުކޮށްފަ އެވެ. މިއަދު އޮތީ ހުކުމް ކުރުމެވެ.ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މާނުގެ މައްޗަށް ރިޝްވަތުގެ ފަސް ދައުވާ ސާބިތު ނުވާ ކަމަށް ކަމަށެވެ.އެހެންވެ ސާބިތު ނުވާ ކަމަށް ކަނޑައެޅި ފަސް ދައުވާ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ."މި ފަސް ދައުވާ ސާބިތުނުވާކަމަށް ނިންމި ސަބަބުތަކަށް ބަލާއިރު މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް މި އޮފީހަށް ބެލެވޭ،" ޕީޖީއިން ބުނެފައިވެ އެވެ.ޕީޕީއެމްގެ ވެރިކަން ނިމުމާއެކު، މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް މައުމޫން ރާއްޖެއިން ބޭރަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ކުރީކޮޅު އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އަދި އޭނާ އަމިއްލައަށް ރާއްޖެ އައުމުން، އޭނާ ފުރުން މަނާކުރި އެވެ.އެ މައްސަލާގައި ކުރިން މައުމޫންގެ މައްޗަށް ހުކުމް އިއްވަން ކޯޓަށް ހާޒިރުކުރީ ވެސް ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ.ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި "އެންމެ ބާރުގަދަކޮށް" އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނުނު މައުމޫން ރާއްޖެއިން ބޭރަށް ދިއުމުން، އޭސީސީގެ ތަހުގީގު ޓީމުތައް ވެސް އޭނާގެ ފަހަތުން ގޮސް ތަހުގީގު ނިންމަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ