ރާއްޖެ އައި ފްލައިޓެއްގެ ފަސިންޖަރުންގެ އަތުން، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ދިވެއްސަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓެއްގައި ތިބި ފަސިންޖަރުންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު އެ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ, އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ދަތުރުކުރި ފަސިންޖަރުންތަކެއްގެ ފައިސާ އާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ބުރާސްފަތި ދުވަހުގެ ފަތިހު 05:46 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި އެ ފްލައިޓުން ދަތުރުކުރި ހމ. ހިޔާ 9-12-17 މާލެ، އުމުރުން 46 އަހަރުގެ އިބްރާހީމް ނަޢީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ އާއި ކްރެޑިޓް ކާޑުތައް ފެނިފައިވަނީ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އިން ގޮނޑިއާއި ކައިރީގެ އެކި ސަރަހައްދުތަކުންނާއި އޭނާއަށް ފްލައިޓުން ދޫކޮށްފައިވާ ބައެއް ތަކެތީގެ ތެރެއިން ކަމަށެވެ. ފެނުނު ތަކެތީގެ ތެރޭގައި ތިން ކްރެޑިޓް ކާޑާއި، 3,040 އެމެރިކާ ޑޮލަރު (46,998.40 ރުފިޔާ)، 1,300 ސިންގަޕޫރު ޑޮލަރު (15,780.95 ރުފިޔާ)، 1,000 ދިވެހި ރުފިޔާގެ އިތުރުން 420 މެލޭޝިއަން ރިންގިޓް (1,630.23 ރުފިޔާ) ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ ރުފިޔާއިން ބަލާނަމަ، ޖުމްލަ 65،409.58 ރުފިޔާއެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ