ޑައިވަރު ޝަފްރާޒް ނައީމް ކަނޑުއަޑީގެ ގައުމީ 2 ރެކޯޑެއް ހަދައިފި

މަޝްހޫރު ދިވެހި ޑައިވަރު ޝަފްރާޒް ނައީމް ކަނޑުއަޑީގައި ގާއިމްކުރި ގައުމީ ދެ ރެކޯޑެއް މޯލްޑިވްސް ބުކް އޮފް ރެކޯޑްސްގައި ރަސްމީކޮށް ހިމަނައިފި އެވެ.
ވީ ކިހިނެއް؟ - 'އެކްރޮސް މޯލްޑިވްސް 2026' ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލުމަށް ފަހު، މިކަން އިއުލާންކުރީ ވިޒިޓް މޯލްޑިވްސް އާއި ޝަފްރާޒް ނައީމް ގުޅިގެން އިއްޔެ ހުޅުމާލެ ފޭސް 1ގެ ބީޗު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ހަފްލާގައި ޝަފްރާޒް ނައީމަށް ހަނދާނީ ފިލާ އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ އެވެ.
ތަފްސީލް - މޯލްޑިވްސް ބުކް އޮފް ރެކޯޑްސްއިން ރަސްމީކޮށް ބަލައިގަތް ދެ ރެކޯޑަކީ:
ކަނޑުއަޑީގައި އެންމެ ދުރު ރާސްތާއަކަށް ދަތުރުކުރުން - 2 ހަފްތާގެ ތެރޭގައި ޖުމްލަ 335 ކިލޯމީޓަރުގެ ދުރުމިނަކަށް، 55 ޑައިވް ފުރިހަމަކޮށް، 75 ގަޑިއިރަށް ވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކޮށްގެން ގާއިމްކުރި ރެކޯޑެއް
މެދުނުކެނޑި އެންމެ ދުރު ރާސްތާއަކަށް ފީނުން: އެއް ސެޝަނެއްގައި 5 ގަޑިއިރާއި 30 މިނެޓަށް ވުރެ ގިނަ ވަގުތު ހޭދަކޮށް، މެދުނުކެނޑި 16.5 ކިލޯމީޓަރަށް ފީނައިގެން ގާއިމްކުރި ރެކޯޑެއް
މީގެ އިތުރުން، 2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްއާ ގުޅުވައިގެން ޝަފްރާޒް ގާއިމްކުރި 50 ގަޑިއިރު މެދުނުކެނޑި އޯޕަން ވޯޓާ ސްކޫބާ ޑައިވިން ރެކޯޑު ވެސް އިއްޔެގެ ރަސްމިއްޔާތުގައި ވަނީ ރަސްމީކޮށް ބަލައިގެންފަ އެވެ.
ބުނީ ކީކޭ؟ - ޝަފްރާޒް ނައީމް ވިދާޅުވީ، ތިން ގައުމީ ރެކޯޑެއް ގާއިމްކުރެވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށާއި ނަމަވެސް މީގެ އަސްލު މަގްސަދަކީ ޓެކްނިކަލް ޑައިވިންގެ ދާއިރާއިން ދިވެހިންނަށް ހިތްވަރުދީ، ރާއްޖޭގެ ކަނޑުތަކަކީ ރައްކާތެރިކުރަންޖެހޭ ތަންތަންކަން ވިސްނައިދިނުން ކަމަށެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ ޝިއުރީ ވިދާޅުވި ގޮތުގައި، މިއީ ރާއްޖެއަކީ އެޑްވެންޗާ ޓޫރިޒަމްގެ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްކަން ސާބިތުކޮށްދިން ކަމެކެވެ. އަދި ޝަފްރާޒްގެ ހިތްވަރުގަދަ މަސައްކަތުން ރާއްޖޭގެ ކަނޑުތަކުގެ ރީތިކަން މުޅި ދުނިޔެއަށް އިޝްތިހާރުވެގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ހަރަކާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި އެސްޓީއޯ، އުރީދޫ މޯލްޑިވްސް، އަދި ބިއޯންޑް އެއާލައިނުން ވަނީ މުހިންމު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން އެޗު78 ހުޅުމާލެ، އޯޝަން ޖަންކީސް، އަދި ސަދަން ކްރޮސް ސަފާރީގެ ދައުރު ވެސް މި ދަތުރުގައި ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ