އަންނަ މަހު އެޕަލްގެ ޚާއްސަ އިވެންޓެއް: މެކްގެ އާ އުފެއްދުންތަކެއް ދައްކާލަނީ
އެޕަލް އިން އަންނަ މާރިޗު މަހުގެ ހަތަރު ވަނަ ދުވަހު ޚާއްސަ އިވެންޓެއް ބޭއްވުމަށް ނިންމައި، މީޑިއާތަކަށް ދައުވަތު ފޮނުވަން ފަށައިފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި މި އިވެންޓް އެމެރިކާގެ ނިއުޔޯކް، ޗައިނާގެ ޝަންހާއީ އަދި އިނގިރޭސިވިލާތުގެ ލަންޑަނުގައި އެއް ވަގުތެއްގައި ކުރިއަށް ގެންދާނެއެވެ. އާންމުކޮށް ކަންކުރާ އުސޫލުން، ނެރެން އުޅޭ އުފެއްދުންތަކާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް އެޕަލް އިން މިފަހަރުވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބްލޫމްބާގްގެ މާކް ގާމަން "އެކްސް" ގައި ހާމަކޮށްފައިވާ ގޮތުގައި މެކްގެ އުފެއްދުންތައް ނެރުން ވަރަށް ގާތެވެ. އަދި ޚަބަރުތައް ބުނާގޮތުން މެކްބުކް ޕްރޯ، މެކްބުކް އެއާ އަދި މެކް ޑެސްކްޓޮޕް ލައިންއަޕްގެ އާ އުފެއްދުންތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މި އިވެންޓުގެ ދައުވަތުގައި ބޭނުންކޮށްފައިވާ ރީނދޫ، ފެހި އަދި ނޫ ކުލަތަކަށް ބަލާއިރު، 'ފަން' ނުވަތަ މަޖާ ކުލަތަކެއްގެ އާ އުފެއްދުންތަކެއް ފެނިދާނެކަމަށް ބެލެވެއެވެ. ރިޕޯޓުތައް ބުނާގޮތުން އެޕަލް އިން ތައްޔާރުވަމުންދަނީ ތަފާތު ކުލަތަކެއް ހިމެނޭ، އަގުހެޔޮ މެކްބުކެއް ނެރުމަށެވެ. ގާތްގަނޑަކަށް 700 ޑޮލަރާއި 800 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ވިއްކާނެ ކަމަށް ބެލެވޭ މި ލެޕްޓޮޕް ބާޒާރަށް ނެރޭނެކަމަށް ލަފާކުރެވެއެވެ. މި އަގުހެޔޮ ލެޕްޓޮޕްގައި މެޓަލިކް ބޮޑީއަކާއި 13 އިންޗިއަށްވުރެ ކުޑަ ޑިސްޕްލޭއެއް ހުންނާނެކަމަށް މައުލޫމާތު ލިބެއެވެ. އަދި އާންމުކޮށް މެކްބުކްތަކުގައި ހުންނަ 'އެމް' ސީރީޒްގެ ޗިޕްގެ ބަދަލުގައި، މީގައި ބޭނުންކުރާނީ އައިފޯނުތަކުގައި ބޭނުންކުރާ ފެންވަރުގެ 'އޭ' ސީރީޒްގެ ޕްރޮސެސަރެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، މެކްބުކް ޕްރޯގެ މަތީ ފަންތީގެ މޮޑެލްތައް ކަމަށްވާ 'އެމް5 ޕްރޯ' އަދި 'އެމް5 މެކްސް' ޗިޕް ހިމެނޭ ލެޕްޓޮޕްތައް ވެސް މި އިވެންޓުގައި ދައްކާލުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އެޕަލް އިން މިހާތަނަށް ނެރެފައިވަނީ ހަމައެކަނި ބޭސްލައިން އެމް5 ޗިޕް ކަމަށްވާތީއެވެ. Apple is holding a March 4 product debut with events in London, New York and Shanghai. New Macs are imminent. https://t.co/71aROUSrMx https://t.co/c4239MkTH5 — Mark Gurman (@markgurman) February 16, 2026 މި އަހަރުގެ މި އިވެންޓުގެ އިތުރުން، ކުރިމަގުގެ ޕްލޭންތަކަށް ބަލާއިރު 2026 ވަނަ އަހަރު އާ އައިޕެޑްތަކެއް ނެރުމަށް އެ ކުންފުނިން ރާވަމުންދާކަމަށް ޚަބަރުތައް ބުނެއެވެ. އަދި ފަތްޖަހާލެވޭ (ފޯލްޑަބަލް) އައިފޯނެއްގެ އިތުރުން އޯލެޑް ސްކްރީން ހިމެނޭ އާ ޑިޒައިނެއްގެ މެކްބުކް ޕްރޯއެއް ނެރުމުގެ މަސައްކަތްވެސް އެޕަލް އިން ކުރަމުންދާކަމަށް ރިޕޯޓުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ