ހުއިފިލަނޑާތަކުގެ މައްސަލަ ބަލާ ފުލުހަކު, މަޤާމުގެ ޒިންމާތަކުން އެކަހެރިކޮށްފި

ތިލަފުށީ ގުދަނެއްގައި ހުއިފިލަނޑާތަކެއް ބަހައްޓާފައިވަނިކޮށް، އެ ތަކެއްޗަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ފުލުހަކު އޭނާގެ މަޤާމުގެ ޒިންމާތަކުން އެކަހެރިކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ވަނީ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ މިދިޔަ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ވެސް ތަހުގީގު ކުރަމުންދާކަމަށެވެ. ހުއިފިލަނޑާތަކަށް ފުލުހަކު ހިޔާނާތްތރެިވިއިރު، އެކަމުގެ ތުހުމަތުގައި އަދަބުދިން އޮފިސަރުގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި އެ ހުއިފިލަނޑާތަކުގެ އަގު ހުރި ދެ މިލިއަން ރުފިޔާއަށް އަރާއިރު، މި މައްސަލައިގައި ތުހުމަތުކުރެވިފައިވަނީ، 2025 ޑިސެމްބަރު 29 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި، މި ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ކަމަށާ ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ