މަދަމާ ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖުކަޕަށް ނުކުންނަ ގައުމީ ޓީމުގެ ކުޅުންތެރިންގެ ގާބިލިއްޔަތާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި އެ މުބާރާތް ރާއްޖެއިން ކާމިޔާބު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް އަލުން ތަރައްގީ ކުރުމަށްފަހު އެ ދަނޑުގެ ނަން "އައްޑޫ ފުޓްބޯޅަ ދަނޑަށް" މިރޭ ބަދަލުކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، އެ މުބާރާތް ރާއްޖެއިން ކާމިޔާބު ކުރުމަށްފަހު، އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށް ވާ އޭޝިއަން ކަޕްގައި ރާއްޖޭގެ ގައުމީ ޓީމް ކުޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"...އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެންގެ މަސައްކަތާ އެކީގައި މިމުބާރާތް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ. އަދި 2015 ވަނަ އަހަރު އޮސްޓްރޭލިއާގައި އޮންނަ އޭޝިއަން ކަޕް މުބާރާތުގައި ބައިވެރިވުމުގެ ޝަރަފާ ފަޚުރު ދިވެހިރާއްޖެއަށް ލިބިގެންދާނެ،" މާދަމާ ފަށާ އޭއެފްސީ ޗެލެންޖް ކަޕާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ކިބައިގައި އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބު ކުރާނެ ހުނަރު އެބަހުރި ކަމަށެވެ. ރާއްޖޭގެ ކުޅުންތެރިންގެ ގާބިލިއްޔަތާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. ވިދާޅުވީ ލާއޮސްއާއި އެކު މިދިޔަ އަންގާރަދުވަހު ކުޅުނު މެޗުން އެކަން ފެނިފައިވާ ކަމަށެވެ.
"...އިހަކަށް ރެއަކު ކުޅުނު ފަރިތަކުރުމުގެ މެޗުން ވެސް އެކަން ފެނިގެން ހިނގައްޖެ. ބޭރުގައުމަކާ ކުޅެ، 7-1 އިން ދިވެހި ގައުމީ ޓީމް ވަނީ ކާމިޔާބުކޮށްފައި. ހަމަ އެކަނި ގިނަ އަދަދަކަށް ލަނޑު ގޯލް ޖެހީކީނޫން. އޭގެ އިތުރުން އެމީހުން ދެއްކި ކުޅުމަކީ ވެސް ވަރަށް ރީތި، ވަރަށް ހުނަރުވެރި ކުޅުމެކޭ އަޅުގަނޑު ދަންނަވާނީ. އެހެންވީމާ ދިވެހި ގައުމީ ޓީމަކީ އިރާދަކުރެއްވިއްޔާ މިމުބާރާތް ކާމިޔާބު ކުރުމުގެ ގާބިލުކަން ހުރި ޓީމެއް ކަމުގައި އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަމު،" ރައީސް މައުމޫނު ވިދާޅުވި އެވެ.
ރާއްޖޭގެ ކުޅުންތެރިންގެ ގާބިލިއްޔަތާމެދު ޝައްކެއް ނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ