ތައުލީމީ ދާއިރާގެ ކޮވިޑް ވެކްސިނޭޝަން ކެމްޕެއިން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރިއަށްގެންދާ ޤައުމީ ވެކްސިނޭޝަން ޕްރޮގުރާމްގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ސްކޫލްތައް ބައިވެރިވެގެން ކުރިއަށްގެންދާ އެޑިއުކޭޝަން ސެކްޓަރގެ ވެކްސިނޭޝަން ކެމްޕެއިން މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ކެމްޕެއިންގައި ބޭނުން ކުރާނެ މެސެޖަކީ، ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުން ކަމަށެވެ. އަދި ހޭޝްޓެގެއްގެ ގޮތުގައި "#ދަރިވަރުންނަށްރައްކާތެރިކަން" ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.
މި ކެމްޕެއިންގައި ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުޙިންމުކަމާ ގުޅޭ މައުލޫމާތު ޓީޗަރުންނާއި، ތަޢުލީމީ ދާއިރާގެ މުވައްޒަފުން މެދުވެރިކޮށް ދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.އަދި މި ކެމްޕެއިން ސްކޫލުތަކުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާނެއެވެ.
މީގެ އިތުރުން ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ކުރިއަށް ގެންދިޔުމަށްޓަކައި ދަރިވަރުންނާއި ގުޅުންހުރި ހުރިހާ ފަރާތްތަކަކީވެސް ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަކަށް ހެދުމުގެ ގޮތުން އެޑިއުކޭޝަން ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުން މިހާރު ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަދި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސްކޫލުތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެޑިއުކޭޝަނުން މަޢުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ