އަވަސް އިންތިހާބަކަށް ތާއިދެއް ނުކުރަން: މައުމޫން

ދެހާސް ތޭރައިގެ ކުރިން ރާއްޖޭގައި އަވަސްއިންތިހާބެއް ބޭއްވުމަށް ތާއިދު ނުކުރަށްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި މެލޭޝިޔާއަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ހުޅުލޭ އެއާރޕޯޓުގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނު އަވަސް އިންތިހާބަކަށް ތާއިދު ނުކުރައްވަނީ ގާނޫނޫ އަސާސީގައި ވަރަށް ސާފްކޮށް ރިޔާސީ އިންތިހާބު ބާއްވަން ޖެހޭ ގޮތް ބުނެފައިވާތީ ކަމަށާއި ރިޔާސީ އިންތިހާބު ބޭއްވޭނީ ކޮންމެ ފަސްއަހަރަކުން އެއްއަހަރުކަމަށެވެ. އަދި ވިދާޅުވީ އެނޫންގޮތަކަށް އިންތިހާބެއް ބޭއްވޭނީ ރައީސުލްޖުމުހުރިއްޔާ އާއި ރައީސުލްޖުމުހުރިއްޔާގެ ނައިބު އެއްފަހަރާ އިސްތިއުފާ ދެއްވުމުންކަމަށެވެ.
"ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެ ގޮތަކީ ކޮންމެ ފަސްއަހަރަކުން އެއްއަހަރު. ދެން އެނޫންގޮތަކަށް ބާއްވަން ޖެހޭނީ ރައީސުލް ޖުމުހުރިއްޔާއާއި ރައީސުލްޖުމުހުރިއްޔާގެ ނައިބު އެއްފަހަރާ އިސްތިއުފާ ދެއްވައިފިނަމަ ނުވަތަ އެބޭފުޅުންގެ މަގާމު ހުސްވެއްޖެއްޔާމުން، ވަކިމުއްދަތެއްގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވަން ޖެހޭނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބެއް އަވަހަށް ބޭއްވުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އެއްވެސް ހާލަތެއް ގައުމަށް މިހާރު ދިމާވެފައި ނުވާކަމަށާއި ނައިބު ރައީސް ރައީސްކަމާ ހަވާލުވެ ހުވާކުރެއްވީ ރައީސުލްޖުމުހުރިއްޔާގެ މަގާމުން އިސްތުއފާދިނުމުން ކަމަށެވެ.
"އެހެންވީމައި މިއަކު ނެތް އެއްވެސް އިންތިހާބަކަށް ޖާގައެއް. ދެން އަނެއްކާ އަޅުގަނޑުމެންގެ ގައުމުގައި މިއޮންނަނީ ރިޔާސީ ނިޒާމެއް. ރިޔާސީ ނިޒާމުގައި އިންތިހާބުކުރަނީ އެންމެ ބޭފުޅެއްނޫން އެއް ޓިކެޓެއްގައި ދެބޭފުޅުން އިންތިހާބުކުރަނީ އެއީ ރައީސުލް ޖުމުހުރިއްޔާއާއި ރައީސްގެ ނައިބާދެބޭފުޅުން. އެހެން ވީމައި އެއްބޭފުޅަކު އިސްތިއުފާދިނުމުން މިހާރު އެހުންނެވީވެސް ރައްޔިތުން އިންތިހާބު ކުރެއްވި ބޭފުޅެއް. އެހެންވީމައި އިތުރު އިންތިހާބަކަށް ޖާގައެއް ނެތް،" ކުރީގެ ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގެ އަޑީގައި މައުމޫން ހުންނެވި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ މައުމޫން ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެކަމަށާއި އެގޮތަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.
"ސަރުކާރު ބަދަލުކުރުމުގައި އަޅުގަނޑުގެ އެއްވެސް ދައުރެއް ނޯންނާނެ. އެހެނެއްނޫންކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ކަންތައް ކުރެއްވި ގޮތުން ގާނޫނާއި ހިލާފް އެތައް ކަމެއް ކުރަމުން ގެންދާތީވެ ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން މަސައްކަތްކުރީ ޕީޕީއެމްގެ ފަރާތުންވެސް އަދި އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތަކުންވެސް އިހުތިޖާޖުގެ މަސައްކަތްތަކެއް ކުރިން ގާނޫނީ ހަމަތަކުގެ މަތިން،" މައުމޫން ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލްވުމަށްފަހު ރައީސް މައުމޫން މާލެ ވަޑައިގެންނެވިއިރު ހުޅުލޭ އެއާރޕޯޓުގައާއި ބޮޑު ފާލަން ސަރަހައްދުގައި ކުރިއާއި ހިލާފަށް ސެކިއުރިޓީއޮތީ ވަރުގަދަކޮށްފަ އެވެ. އަދި އެމަނިކުފާނަށް މަރުހަބާ ދެއްނެވުމަށްޓަކައި އެމްއެމްއޭ ސަރަހައްދާއި ޗާންދަނީ މަގުގައި ގިނައަދަދެއްގެ ސަޕޯޓަރުން ގައުމީ ދިދަހިފައިގެން ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ