ރައީސް ނަޝީދުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަކަށްވެސް ބާތިލެއް ނުކުރެވޭނެ، އިންތިހާބުގައި ވާދައެއްވެސް ނުކުރެވޭނެ: އާޒިމާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށްވެސް ބާތިލެއް ނުކުރެވޭނެކަމަށާއި، އެމަނިކުފާނަށް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދައެއްވެސް ނުކުރެވޭނެކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ. 
ހަމައެކަނި ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ދައުލަތުގެ މީޑއާގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު އަދިވެސް ހުންނެވީ ސުޕްރީމް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމްގައި ކަމަށާއި، އެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ. 
އާޒިމާ ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓަށްވެސް ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލެއް ނުކުރެވޭނެ އެވެ. އެގޮތުން ސުޕްރީމްކޯޓުން ކުރާ ނިހާއީ ޙުކުމެއް އަލުން ބަދަލު ކުރުމުގެ ބާރު ޤާނޫނީ ގޮތުން ސުޕްރީމް ކޯޓަށްވެސް ލިބިގެން ނުވާކަމަށް އާޒިމާ ވިދާޅުވި އެވެ. 
"ސުޕްރީމް ކޯޓުގެ ނިންމުމަކީ ފައިނަލް ނިންމުމެއް. އެހެންވީމަ 1 ފެބްރުއަރީގެ އަމުރުގައިވެސް އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން ސުޕްރީމްކޯޓުން ނިންމާފައި އޮތް ނިންމުމެއް، އަމުރަކުންނެއް ބާޠިލެއް ނުކުރެވޭނެ. އަދި ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގަ ސުޕްރީމް ކޯޓުގެ ޙުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލުކުރެވޭނެ އެއްވެސްކަހަލަ ޤާނޫނީ ފުރުސަތެއް ނެތޭ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑަކުއެއް."
އާޒިމާ ދެއްވި ޤާނޫނީ ލަފާތަކުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް މިހާތަނަށް ލިބިފައިވާއިރު، އާޒިމާ ވިދާޅުވީ އދ.ގެ ވޯކިންގ ގުރޫޕުން ނިންމިއަސް ރައީސް ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ. ސަބަބެއްކަމަށް އާޒިމާ ވިދާޅުވީ ރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ނަޝީދަށް ލިބިދީފައި ނެތުމުންނެވެ. 
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ޒާތީ ވެފައިވާ ކަން ތަފާތު ޕޯޑިއަމް ގައި އާޒިމާ ދައްކަވާ ވާހަކަތަކުން ގިނަ ބަޔަކަށް ފާހަގަ ކުރެވިފައިވާ އިރު، އާޒިމާ ދެއްވި ޤާނޫނީ ލަފަޔަކާއެކުގައި ޖީއެމްއާރާއެކުގައިވެފައިވާ އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ދައުލަތުން ވަނީ ބޮޑު ބަދަލެއްދޭންޖެހިފަ އެވެ. އާޒިމާ އެ އެއްބަސްވުން ބަތިލްކުރިއިރު ވިދާޅުވީ އެއީ ފެށުނު އިރުވެސް ބާތިލް އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުން ބާތިލްކުރިނަމަވެސް އޭގެ ބަދަލުދޭން ނުޖެހޭނެ ކަމަށެވެ. އޭގެއިތުރުން ނެކްސްބިޒްއާކުގައި ވެފައިވާ އެއްބަސްވުން ބާތިލްކުރީ އާޒިމާގެ ލަފަޔަށެވެ. އޭގެ ސަބަބުންވެސް ދައުލަތުން ބޮޑު ބަދަލެއްދައްކަން ޖެހުނު އެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ