ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ބުނުމުން މައުމޫން ކަންބޮޑުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގައި ދިވެހިންނާއި ބައްދަލު ކުރުމަށް ބާއްވާ ބައްދަލުވުމެއްގެ ތެރެއިން އެމަނިކުފާނަށް ހަމަލާ ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ ކަމަށް ބުނެ އެބައްދަލުވުން ކެންސަލް ކުރިތާ ދެދުވަސް ފަހުން ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ބުނާ ޚަބަރާއި ގުޅިގެން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ލަންކާގައި ތިބޭ ދިވެހިންނާއި ބައްދަލުކުރަން ތާވަލް ކުރި ބައްދަލުވުމުގައި އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިވަޑައިގެންފައި ވާތީ އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ހިމެނިވަޑައިގަންނަވާ އިސްލާހީ މަސައްކަތުގެ އިއްތިހާދުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ނަޝީދު ދިވެހިންނާއި ބައްދަލުކުރަން ރޭވި ބައްދަލުވުން ކެންސަލް ކުރިކަން ހާމަކުރީ ހުކުރު ދުވަހު އެވެ.
ހުކުރު ދުވަހު "ރާއްޖެ ޓީވީ" ގައި ވާހަކަދައްކަވަމުން އަހްމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވީ، އެ ބައްދަލުވުން ކެންސަލް ކޮށްފައިވަނީ، ބައްދަލުވުމުގެ ތެރެއިން ދިވެހީންގެ ބަޔަކު ހަމަނުޖެހުން ހިންގަން ތައްޔާރުވަމުންދާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައި ވާތީކަމަށެވެ.
"ތަފާތު އެކި އިންޒާރުތައް އައުމާއި ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ގެއްލުން ވާފަދަ ނުވަތަ ފުރާނަފުޅަށް ގެއްލުންވާ ފަދަ އަމަލެއް ހިންގައިދާނެ ކަަމުގެ އިހުސާސްތަކެއް އަޅުގަނޑުމެންނަށް ކުރެވުނު" ނަސީމް ވިދާޅުވިއެވެ.
ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ކެރަފާ ނަސީމް ވިދާޅުވި ނަމަވެސް އެ މައުލޫމާތު ލިބުނީ ކިހިނެއް ކަމެއް ވިދާޅެއް ނުވެއެވެ. ދިވެހިންނާއި ބައްދަލުކުރަން ބާއްވަން އުޅުނު ބައްދަލުވުން ކެންސަލް ކުރި ނަމަވެސް ރައީސް ނަޝީދު މިހާރު ވެސް ގެންދަވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ