އިލެކްޝަންގައި ވޯޓުލީ މީހުންގެ ލިސްޓު ސުޕްރީމް ކޯޓަށް ފޮނުވައިފި


މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބްގައި ވޯޓްލީ މީހުންގެ ލިސްޓް ފޮނުވުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ހުރިހާ ލިސްޓެއް އެކޯޓަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
 
އެމްބީސީއާ ވާހަކަފުޅުދައްކަވަމުން ފުއާދު ވިދާޅުވީ މިފަހަރު ރިޔާސީ އިންތިހާބުގައި ބެހެއްޓި ހަތަރު ސަތޭކަ ހަތްދިހަ ވޯޓް ފޮއްޓަށް ވޯޓްލީ މީހުންގެ ލިސްޓް ސުޕްރީމް ކޯޓަށް ފޮނުވާ ނިމުނީ މިއަދު ކަމަށެވެ. މިގޮތުން މިދިޔަ ހުކުރު ދުވަހު ސަތޭކަ ވިހި ލިސްޓެއް ފޮނުވާފައިވާނޭކަމަށާއި ޖެހިގެން އައި ހޮނިހިރު ދުވަހު ދުއިސައްތަ ވިހި ލިސްޓް ފޮނުވާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި މިއަދުގެ ވަގުތެއްގައި ބާކީ އޮތް ސަތޭކަ ތިރީސް ލިސްޓުވެސް ފޮނުވާފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.
 
 
ސުޕްރީމް ކޯޓަށް ލިސްޓްތައް ފޮނުވީ އެކޮމިޝަނަށް ކޮޕީއެއް ނެގުމަށްފަހު ލިސްޓްތަކުގެ އަސްލު ކަމަށްވެސް ފުއާދު  ވިދާޅުވިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ލިސްޓާއި ވޯޓްލީ މީހުން އެގޭނެ ލިސްޓް ހުށައެޅުމަށެވެ. އެކޯޓުން އިލެކްޝަންސް ކޮމިޝަނަށް މިގޮތަށް އަންގާފައިވަނީ ރިޔާސީ އިންތިހާބުގެ ކަންކަން ހިންގާފައިވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށްކަމަށް ބުނެ އެ އިންތިހާބު ބާތިލްކޮށް ދިނުމަށް އެދި ޖުމްހޫރީ ޕާޓީން  ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ