ކޮޅިގަނޑުގެ ބާރު ގަދަވެ ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެ - މޫސުމާއި ބެހޭ އިދާރާ

ސްރީލަންކާގެ ހުޅަނގުގައި ހުރި ބާރުގަދަ ކޮޅިގަނޑުގެ ވިލާތައް ރާއްޖޭގެ މައްޗަށް އަރާ ގަދަ ވަޔާއެކު ވިއްސާރަކޮށް، ކުރިއަށް އޮތް 12 ގަޑިއިރު، ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ސްރީލްންކާގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރާ ވިއްސާރަ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން އަވައްޓެރި ސްރީލަންކާގައި މިހާރު އުފެދިފައިވާ ކޮޅިގަނޑިގެ ސަބަބުން ބޯކޮށް ވާރޭވެހި ވައިގަދަ ވުމުގެ ސަބަބުން އާންމު ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން ދިވެއްސަކު ދިރިއުޅޭ ގެއެއްގެ ފުރާޅު ވަޔާ އެކު އެއްލާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ މި ކޮޅިގަނޑު އިތުރަށް ގަދަވެ، ކޮޅިގަނޑު އަސަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިޓް އެލާރޓް ނެރެފައިވާ އިރު ކުރިއަށް އޮތް ބާރަ ގަޑި އިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުޜާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މޫސުން ގޯސް ވުމުގެ ސަބަބުން މިހާތަނަށް ކަނޑު މަތީގެ 13 ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑިއެފްއިން ބުނެއެވެ. މީގެއިތުރުން ދ. މީދޫއަށް ބޯކޮށް ވާރޭވެހި، ވަރަށް ބޮޑަށް ފެންބޮޑުވެ ގެއްލުން ވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެގޮތުން ރޭ އިރާކޮޅުން ފެށިގެން ހުއްޓުމެއް ނެތި އެރަށަށް ވެހެމުންދިޔަ ވާރޭގެ ސަބަބުން ރަށުގެ ބޮޑު ބައެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް ގެތަކަށް ފެން ވަދެ ގޭގައި ހިފާ ގެންގުޅޭ ތަކެއްޗަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ދ. މީދޫގައި މިހާރު އެމްއެންޑީއެފްއާއި ރަށުގެ ރައްޔިތުން ގުޅިގެން ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކޮޅިގަނޑުގެ ބާރު އަދިވެސް ގަދަވަމުންދާއިރު، ކޮޅިގަނޑުގެ މިސްރާބު ހުރީ ސްރީލަންކާ އަދި ދެކުނު އިންޑިޔާގެ ހުޅަނގު އުތުރުން އަރަބި ކަނޑަށް ދަތުރުކުރާ ގޮތަށް ކަމަށް މެޓް އޮފީހުން ބުނެއެވެ. ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެއެވެ.  އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. މިވިއްސާރައިގައި ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ ޢާއްމުކޮށް ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ