ތާޖް މަހަލްގެ ކުލަ ބަދަލުވާތީ ސުޕްރީމް ކޯޓުގެ އަމުރެއް!

އިންޑިއާގެ މަޝްހޫރު ބިނާއެއް ކަމަށްވާ ތާޖް މަހަލްގެ ކުލަ ބަދަލުވާތީ އެ ގައުމުގެ ސުޕްރީމް ކޯޓުން އެކަމާއި ކަންބޮޑުވެ، އަމުރެއް ނެރެފި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ތާޖް މަހަލްގެ ކުލަ ބަދަލުވަމުންދާ ސަބަބު ހޯދާ، އެކަން ހައްލުކުރަން އެތެރެއާއި ބޭރުގެ އެހީތެރިކަން ހޯދަން އެ ގައުމުގެ ސަރުކާރަށް އަމުރުކޮށްފަ އެވެ. އަދި މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
"މިކަން ހައްލުކުރުމަށް ސަރުކާރަށް ކުރެވޭނެ ކަންތައްތައް އެބަހުރި. ގަބޫލުކުރެވޭ ގޮތުގައި ސަރުކާރުން މިވަނީ މިކަމުގައި ފަރުވާ ކުޑަކޮށްފައި. ނުވަތަ ސަރުކާރުން މިކަމާއިމެދު އެއްވެސް ވަރަކަށް ކަންބޮޑެއް ނުވޭ. އިންޑިއާގެ އެންމެ މުހިއްމު އެއް ތަރިކައަށް މިފަދަ ގޮތްތަކެއްވާއިރު ސަރުކާރުން މިކަމަށް އަޅާލާފައެއް ނުވޭ" އިންޑިއާގެ ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން 17 ވަނަ ގަރުނުގައި ބިނާކޮށްފައިވާ މި ގަނޑުވަރުގެ ކުލަ އެންމެ ފުރަތަމަ ވަނީ ރީދޫވެފަ އެވެ. އަދި އެއަށްފަހު މިހާރު އެ އިމާރާތުގެ ކުލަވަނީ ޗޮކުލެޓް އަދި ފެހި ކުލައަށް ބަދަލުވާން ފަށާފަ އެވެ. މިއީ އެ ސަރަހައްދުގެ ސާފުތާހިރުން ކުޑަވުމާއި، އެ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާތީ، އަދި ކުދި ފަނިފަކްސާގެ ހަށިގަނޑުން ބޭރުވާ ނަޖިހުގެ ސަބަބުން ކުރިމަތިވަމުންދާ މައްސަލައެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މި މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ފަރާތުންނެވެ.
ތާޖް މަހަލްެގެ ކުލަ ބަދަލުވާން ދިމާވެފައިވާ ސަބަބު ހޯދާ، މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުމަށް ސުޕްރީމް ކޯޓުގެ އަމުރުގައި އަންގާފައިވާއިރު، އިންޑިއާގެ ސަރުކާރުން މީގެ ކުރިން ވަނީ އެ ސަރަހައްދުގައި ހުރި ބައެއް ކާރުހާނާތައް ބަންދުކޮށްފަ އެވެ.
ތާޖް މަހަލްއަކީ މުސްލިމް ލީޑަރެއް ކަމަށްވާ މުގާލް ދަރިކޮޅުގެ ރަސްގެފާނު ޝާހް ޖަހާން އޭނާގެ އަނބިކަނބަލުންނަށް ބިނާކޮށްދެއްވި ގަނޑުވަރެކެވެ.
އާގްރާގައި ބިނާކޮށްފައިވާ މި ގަނޑުވަރަކީ ފަތުރުވެރީންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. ދުވާލެއްގެ މައްޗަށް 70،000 އަށް ވުރެ ގިނަ ފަތުރުވެރީން ތާޖް މަހަލް ބަލައިލާން އެތަނަށް ޒިޔާރަތް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ