ޕީޕީއެމްގެ ކޮމާންޑް އޮތީ ރައީސް މައުމޫންގެ އަތްޕުޅުގައި: އުމަރު

ޕީޕީއެމްގެ ކޮންޓްރޯލް ނެތްނަމަވެސް ޕީޕީއެމްގެ ކޮމާންޑް އޮތީ ރައީސް މައުމޫންގެ އަތްޕުޅުގައިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ބައިބައިވެފައިވާ ޕީޕީއެމްގެ ކައުންސިލަށް ރައީސް މައުމޫންގެ ފެކްޝަނުން އައްޔަންކޮށްފައިވާ ކައުންސިލް މެންބަރުކަމުގެ މަގާމުގައި ހުންނެވި އުމަރު މިހެން ވިދާޅުވީ ޕީޕީއެމްއާއި ގުޅޭގޮތުން އެމަނިކްފާނަށް ތާއީކުރައްވާ ފަރާތްތަކަށް ފޮނުއްވާފައިވާ ހާއްސަ މެސެޖެއްގައެވެ.
އުމަރު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ކޮންޓްރޯލަކީ ކޯޓްތަކާއި، އިލެކްޝަންސް ކޮމިޝަންފަދަ މުއައްސަސާތަކުގެ ސަބަބުން އެކި ފަހަރު އެކި ގޮތްގޮތަށް ބަދަލްވެގެންދާނެ އެއްޗެއްކަމަށެވެ. އެހެން ނަމަވެސް ޕާޓީއެއްގެ ކޮމާންޑް އޮންނާނީ އެބޭފުޅަކު ވިދާޅުވާ ގޮތަކަށް އެ ޕާޓީއެއްގެ ގިނަ މެންބަރުން ވޯޓްދޭ ބޭފުޅެއްގެ އަތްޕުޅުގައިކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މި ސަބަބާއި ގުޅިގެން މިވަގުތު ޕީޕީއެމްގެ ކޮންޓްރޯލް އޮތީ ރައީސް ޔާމީންގެ އަތްޕުޅުގައިކަމަށްވީނަމަވެސް ޕީޕީއެމްގެ ކޮމާންޑް އޮތީ ރައީސް މައުމޫންގެ އަތްޕުޅުގައިކަމަށް އުމަރު ވިދާޅުވިއެވެ.
މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަންވެސް ކުރެއްވި އުމަރު ވިދާޅުވީ އެކަން ކުރިއަށް އޮތް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީން އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިބްތިހާބުން ފެނިގެންދާނެކަމަށެވެ.
ޕީޕީއެމްގެ ކޮންޓްރޯލް ނެތްނަމަވެސް ޕީޕީއެމްގެ ކޮމާންޑް އޮތީ ރައީސް މައުމޫންގެ އަތްޕުޅުގައިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ހިންގުން ރައީސް މައުމޫން ހުއްޓުވާފައިވާކަމަށް ބުނެ ސިވިލް ކޯޓަށް ހުށައެޅި މައްސަލައަކާއި ގުޅިގެން ޕީޕީއެމްގެ ހިންގުން ރައީސް މައުމޫންގެ އަތްޕުޅުން ނަންގަވާ އެޕާޓީގެ މުސްތަޝާރު ރައޯސް އަބުދުﷲ ޔާމީނާއި ވަނީ ހަވާލްކޮށްފައެވެ.
ސިވިލްކޯޓުގެ ހުކުމާއިއެކު ޕީޕީއެމް އިތުރަށް ދެބައިވެ މިހާރު ޕާޓީ ހިނގަމުންދަނީ ދެ ފެކްޝަންގެ ގޮތުގައެވެ. އެގޮތުން ރައީސް މައުމޫނާއި ރައީސް ޔާމީންގެ ފެކްޝަނުން ގެންދަނީ ވަކިވަކިން ކައުންސިލް ބައްދަލްވުންތައް ބާއްވާ ޖަލްސާތައްވެސް ބާއްވަމުންނެވެ.
ފަހަކަށް އައިސް ރައީސް މައުމޫނާއި އެމަނިކްފާނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ފާޅުގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މީގެ އިތުރަށް ރައީސް މައުމޫން ވަނީ އެމަނިކްފާނު މިސަރުކާރަށް ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރައްވާ މި ސަރުކާރަށް އެމަނިކްފާނުގެ އެއްވެސް ތާއީދެއް ކުރިއަށް އޮތްތާ ނުދެއްވާނެކަމަށްވެސް ވިދާޅުވަފައެވެ. އަދި އައު ދައުރަކަށް ރައީސް ޔާމީން އިންތިހާބުވުމަށް އެދިވަޑައިނުގަންނަވާކަމަށާ ގައުމަށް ހެޔޮ ބަދަލްތަކެއް ގެންނަވާނެ ކެނޑިޑޭޓަކަށް ތާއީދުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ