ހޮންގްކޮންގްގައި އަމަނާ ގުޅޭ ގޮތުން ފާސްކުރި ގާނޫނާ އެކު މުޒާހަރާތަކަށް ހުރަސްތަކެއް

ހޮންގްކޮންގްގައި އަމަނާ ގުޅޭ ގޮތުން ފާސްކުރި ގާނޫނުގެ ދަށުން މުޒާހަރާތަކަށް ހުރަސްތަކެއް ކުރިމަތިވާނެކަމަށް ހޮންގްކޮންގެ މީޑިއާތަކުން ބުނެފިއެވެ. އަމަނާ ގުޅޭ ގޮތުން އާ ގާނޫނު ފާސްކުރީ އިއްޔެއެވެ. އެއާއެކު ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދިނުމާއި އާންމު ދަތުރު ފަތުރުތަކުގައި ބޭނުންކުރާ ވަސީލަތްތަކަށާއި ހުޅުޖެހުން ފަދަ ކަންތައްތަކަށް ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ބަލައި ދައުވާ ކުރެވޭނެއެވެ. އަދި ވަކިވެގޮތުމަށް ކުރާ ސުލްހަވެރި މުޒާހަރާތަކުގައި ބައިވެރިވުމަކީވެސް ކުށެކެވެ. އެފަދަ އަމަލުތައް ހިންގުމުގެ މުގުލުގައި ތިބޭ މީހުން އުމުރަށް ޖަލަށްލުމުގެ ބާރު އާ ގާނޫނުން ލިބެއެވެ. މީގެ ކުރިން ހޮންގްކޮންގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ވަނީ ހޮންގްކޮންގެ އެކި ތަންތަނަށް ގެއްލުންދީ ދަތުރު ފަތުރުގެ ވަސީލަތްތައްކަށް ގެއްލުންދީ އެކި ތަންތަނުގައި ރޯވެސް ކޮށްފައެވެ. އަދި ކުރިން ހޮންގްކޮންގެ އިސްތިއުމާރުކުރި އިނގިރޭސި ދިދަ ވިހުރުވައިވެސް ހަދައި އުޅުނެވެެ. ހޮންގްކޮންގް ގެ އަމަނާބެހޭ ގާނޫނު ޗައިނާގެ ޕާލަމެންޓް ކަމަށްވާ "ނެޝަނަލް ޕީޕަލްސް ކޮންގްރެސް" އިން މިއަދު ފާސްކޮށްފައި މިވަނީ އިނގިރޭސި އިސްތިއުމާރުގެ ދަށުން ހޮންގްކޮންގް މިނިވަންވެ ޗައިނާގެ ސިޔާދަތުގެ ދަށަށް އެސަރަހައްދު އައިތާ 23 އަހަރު ފުރުމުގެ އެއްދުވަސް ކުރިންނެވެ. އަދި މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެއެވެ. އާ ގާނޫނުގެ ދަށުން ހޮންގްކޮންގެ އަމަން އަމާންކަން ބެލެހެއްޓުމަަށް ވަނީ ކޮމެޓީއެއްވެސް ގާއިމްކުރުން ނިންމައިފައެވެ. އެ ކޮމެޓީގެ ރިޔާސަރު ބަަލަހައްޓާނީ ހޮންގްކޮންގެގެ ޗީފް އެގްޒެކިއުޓިވް ކެރީ ލަމްއެވެ. އަދި ކޮމެޓީ ސުޕައިވައިޒްކުރާނީ ސީދާ ޗައިނާގެ ސަރުކާރުގެ ބެލުމުގެ ދަށުންނެވެ. އާ ގާނޫނާ ގުޅިގެން ހޮންގްކޮންގްގައި ޑިމޮކްރަސީގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅޭ އެކްޓިވިސްޓުން ކަމަށްވާ ޖޯޝުއާ ވޮންގް އަދި އަގްނެސް ބުނީ އެމީހުން ނިސްބަތްވާ ޑެމޮސިސްޓޯއިން ވަކިވާން ނިންމާފައިވާ ކަމަށެވެ. އެ ޖަމިއްޔާގެ އިސް މީހުން އިސްތިއުފާ ދިނުމާ ގުޅިގެން އެ ޖަމިއްޔާ އުވާލަން މިހާރު ވަނީ ނިންމައިފައެވެ. -- އޭޕީ--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ