އަތޮޅުތެރެއިން މީހުން ނުގެނެސް އެމްޑީޕީއަށް ބޮޑު ޖަލްސާއެއް ދެން ނުބޭއްވޭނެ - އުމަރު

އެމްޑީޕީ އަށް ތާއީދު ކޮށްގެން ތިބި ގިނަ ބަޔަކު މިއަދު އެތިބީ މާޔޫސްވެފައި ކަމަށާއި ފައިސާ ދީގެން އަތޮޅު ތެރެއިން މާލެއަށް މީހުން ގެނެސްގެން ނޫނީ ކުރިން ބާއްވާ ކަހަލަ "ބޮޑުބިޔަ" ޖަލްސާއެއް ކުރިއަށްއޮތް ތިން އަހަރު ތެރޭގައިވެސް އެމްޑީޕީއަށް ދެން ނުބޭއްވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ އެމްޑީޕީން ދައްކަމުން އައި ވާހަކަތައް އަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ ކިހާ ވަރަކަށްތޯ ރައްޔިތުން މިއަދު އެތިބީ ބަލަން ކަމަށާއި ވޭތުވެދިޔަ ސާދަ ވަރަކަށް މަސް ތެރޭގައި މި ފެނުނީ އެމީހުންގެ އަމަލުތައް ކުރީ ސަރުކާރާ އެއްވެސް ތަފާތު ކަމެއް ނެތި ދާދި އެއް ހަމައެއްގައި ކަމަށެވެ.
"އެމްޑީޕީ ވަކަރަށް ޖަހާލަން ލިބުނު ފުރުސަތެއް މި ފުރުސަތަކީ. މާނަ އަކީ އެމީހުން ދައްކަމުން އައި ވާހަކަ އަމަލީ މައިދާނުގައި ކިހާވަރަކަށްތޯ ތަންފީޒު ކުރެވެނީ ބަލައިލަން ލިބުނު ފުރުސަތުގައި ވޭތުވެދިޔަ ސާދަ ނުވަތަ ފަނަރަ މަސް ތެރޭގައި މި ފެނުނީ އެމީހުންގެ އަމަލުތައް ވަކި ކުރީ ސަރުކާރާ އެއްވެސް ތަފާތުކަމެއް އޮތީކީ ނޫން. ކޮރަޕްޝަނަށް ބަލައިލިޔަސް އެއަށްވުރެ މާމަތީގަ މިންގަނޑު ހުރީ. ޕާފޯމަންސަށް ބަލާއިރު އެއްވެސް ކަމެއް ނުވޭ. ކޮންމެ ދާއިރާއެއްގައި ތިބޭ މީހުންގެވެސް ކަމަކީ ހަމަ ލާރި. އެކި ގޮތްގޮތަށް ލާރި ނަގަނީ ކަޓު ނަގަނީ. އެހެންވީމަ އެމްޑީޕީ އަށް ތާއީދު ކޮށްގެން ތިބި މީހުންވެސް މާޔޫސް ވެގެން އެމީހުންގެ މާބޮޑު ޝައުޤުވެރިކަމެއް ނެތް މިހާރަކު. އެހެންވީމަ އެމްޑީޕީން ކުރީގަ އެ ބާއްވާ ކަހަލަ ބޮޑެތި މެގަ ޖަލްސާއެއް ލާރި ދީގެން އަތޮޅު ތެރެއިން މީހުން ގެނެސްގެން ނޫނީ ކުރިއަށް އޮތް ތިން އަހަރު ތެރޭގަވެސް ނުބޭއްވޭނެ،" އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ އެމްޑީޕީއަށް މިހާރު ސިޔާސީ ހަޤީގަތާއި ބައްދަލުވީ ކަމަށާއި މީގެ ކުރިން ސަރުކާރުން ބޭރުގައި ތިބޭއިރު ވަރަށް ގިނަ ވާހަކަ ދެއްކިދާނެ ކަމަށެވެ. އެގޮތުން ރިލުވާން މަރާލި މީހާ އާއި އަފްރާޝީމް މަރާލި މީހާވެސް ހޯދާ ޖަލަށް ލާނަމޭވެސް ބުނެވިދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް ފުލުހުންގެ އަތުގައި ކުރިން ހުރި މަޢުލޫމާތުގެ އިތުރުން އެއްވެސް އާ މަޢުލޫމާތެއް ހާމަ ކުރެވިފައި ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.
"ރަށްވެހި ފަތިސް"ގެ ނަމުގައި ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ކެމްޕެއިން ލޯންޗު ކުރުމަށް އެމްޑިޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް ހާޒިރުވީ މީހުންގެ އަދަދު މަދު ކަމުންނާއި ޖަލްސާއަށް ލިބުނު ތަރުޙީީބު ކުޑަކަމުން ގިނަ ބައެއްގެ ފާޑު ކިޔުމާއި މަލާމާތް އެމްޑީޕީ އަށް ވަނީ އަމާޒު ވެފައެވެ. އެކަން ދިފާއު ކުރައްވާ ނަޝީދު ވިދާޅުވެފައިވަނީ މީހުން މަދުވީ ރައްޔިތުންގެ އުއްމީދުތަކުގައި ހަޤީޤީ ކުލަ ނުޖެހުމުން ކަމަށާއި ނަމަވެސް މާލެއިން ވާދަކުރާ ހުރިހާ ގޮނޑިއެއްވެސް އެ ޕާޓީން ކާމިޔާބު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ