މޫސުމަށް ސަމާލުވޭ، މިއަދުވެސް ރާއްޖެއަށް މޫސުން ގޯސް

މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެން ވާތީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައިފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު ވެސް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައި ވަނީ ކ.އަތޮޅުން ފެށިގެން އުތުރުގެ ސަރަހައްދުތަކަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
ކަނޑުުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާ އާއި ރާއްޖެ އާއި ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އެކޮޅިގަނޑު މިހާރު ވަނީ އަރަބި ކަނޑަށް މިސްރާބު ޖަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ