ސިއްހީ ހާލު ދެރަކަމުން ފްލައިޓަށް އެރެން ނެތް ކަމަށް ވިދާޅުވެ، ޖަރަމަންވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ގާސިމް އޭނާގެ އަމިއްލަފުޅު ޓީވީ ޗެނަލް ކަމަށްވާ "ވިލާ ޓީވީ" ގައި މިރޭ ވިދާޅުވީ އަންނަ ބުދަ ދުވަހު އޭނާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
ގާސިމް ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައި މިވަނީ ރިޝްވަތުގެ ކުށުގައި އޭނާ ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުން މަޑުޖައްސާ، ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލަން ހައިކޯޓުން މިއަދު އަމުރު ކުރުމުންނެވެ.
ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ގާސިމްގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އިސްތިއުނާފް މައްސަލަ ނިމެންދެން ގާސިމް މިނިވަންކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރީ ކަފާލާތުގެ ދަށުން 70،000ރ. ޑިޕޮސިޓެއް ހައި ކޯޓުގައި ގާސިމްގެ ފަރާތުން ބެހެއްޓުމުންނެވެ.
ގާސިމް ޖަލަށް ލުމަށް ޙުކުމް ކުރިފަހުން ސަރުކާރުން އޭނާ ބޭސްފަރުވާ އަށް ފޮނުވީ ސިންގަޕޫރަށެވެ. ނަމަވެސް ފަހުން ގާސިމް ވަނީ ސަރުކާރުގެ އަމުރާއި ހިލާފަށް ޖަރުމަންވިލާތައް ވަޑައިގެންފައެވެ. އޭގެ ފަހުން ގާސިމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާފައި ވަނީ ފްލައިޓަށް އަރައިވަޑައިގަތުމުގެ ހުއްދަ ޑޮކްޓަރުން ނުދެއްވާތީ ރާއްޖެ ވަޑައިގެންނެވެން ނެތް ކަމަށެވެ.
ގާސިމް ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެ ވަޑައިގަންނަވާއިރު ގާސިމް ވަނީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ "އަޅުގަނޑުމެން" ކަމަށް ވެސް ވިދާޅުވެފައެވެ. އެމައްސަލައިގައި ގާސިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރު ކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅުނެވެ. ނަމަވެސް ކޯޓުން މިހާރު ވަނީ އޭނާ ދޫކޮށްލާފައެވެ.
ގާސިމް ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ