އެންމެ މުހިއްމީ ދިވެހި ގައުމާ ރައްޔިތުން: މަޖިލީހުގެ ރައީސް

އެންމެ މުހިއްމީ ދިވެހި ގައުމާ ރައްޔިތުން ކަމަށާއި މަޖިލީހުގައި މިހާރު ތިއްބެވި ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރަމުންދަނީ އެގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ނިންމާލުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގަ އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންނާއިއެކު އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ބޭއްވި 30 ޖަލްސާގައި ވެސް މަސައްކަތް ކުރެއްވީ ދިވެހި ގައުމާ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމުގަ އެވެ. އަދި އެގޮތުގައި ކުރެވުނު މަސައްކަތުން މިހާރުގެ މަޖިލީހަކީ ދިވެހި ރައްޔިތުންނަށް އުއްމީދު ބޮޑު މަޖިލީހެއް ކަމުގައި ވެސް ވިދާޅުވި އެވެ.
"އިއްޒަތްތެރި މެންބަރުން މި މަޖިލީހުގައި ވޯޓް ދެއްވާފައިވެ. އިއްޒަތްތެރި މެންބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިގެންފައިވެޔޭ. ކޮމިޓީ ތަކުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވެޔޭ. ކޮމިޓީ ތަކުން މަސައްކަތްތަކެއް ނިންމަވާ ދެއްވާފައިވެޔޭ،" މަސީހް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ވަރަށް އުފެއްދުންތެރި މަޖިލީހެއް ކަމަށެވެ. މިހާރުގެ މަޖިލީހަކީ ޑިމޮކްރަސީގެ ހަމަތަކަށް ލޯބިކުރާ ކެތްތެރިކަން ދައްކައިދީފައިވާ މަޖިލީހެއް ކަމުގައި ވެސް ވިދާޅުވި އެވެ. ކަންކަމުގައި ބަހުސްކުރައްވާ ވާހަކަ ދައްކަވާ އަދި ދެބަސްވާންޖެހޭ ވަގުތު ތަކުގައި ދެބަސްވެސް ވަމުންދާ މެންބަރުން މިހާރުގެ މަޖިލީހުގައި ތިއްބެވި ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ ޑިމޮކްރަސީގައި އެކަންތައްތައް އޮންނަ ވެސް އުސޫލު،" ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ މަސީހް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދު މަޖިލިސް ނިންމާލުމަށްފަހު މެންބަރުން ދަނީ އެއްވެސް ހާލެއްގައި ޗުއްޓީއަށް ނޫން ކަމަށެވެ. ކޮންމެ ކަމެއް ވެސް އަދި ކޮންމެ މަސައްކަތެއް ވެސް ކުރަމުންދާއިރު އެމަސައްކަތަށް ދޭންޖެހޭ ހުސް ވަގުތު ހުންނާނެ ކަމަށާއި އަދި ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރަންޖެހޭ ވަގުތު ވެސް ހުންނަ ކަމުގައި ވިދާޅުވި އެވެ.
"އެގޮތުން ގަވައިދު ހަމަޖެހިފައި އޮންނަ ގޮތުން އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމު ތަކުގައި ވެސް މިކަންކަން އޮންނަ އުސޫލުން އަޅުގަނޑުމެންނަށް ރައްޔިތުންނަށްޓަކައި ލިބެންޖެހޭ ވަގުތު ތަކަށް ޖާގަ ދިނުމުގެ ގޮތުން މިއަދު އަޅުގަނޑުމެން ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މިބާއްވަނީ،" މަސީހް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާ ނިންމާލަމުން ވެސް މަޖިލީހުގެ ރައީސް ވިދާޅުވީ ރޭގެ ޖަލްސާގައި ވެސް މަޖިލީހުގެ ތެރެއިން ފެނިގެން ދިޔައީ "ސީދާ އެމެރިކާގެ ފެންވަރުގައި" ކުރިއަށްދާ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ