20،000 ރުފިޔާގެ އެލަވަންސާއެކު ރައްޔިތުން މަގުމައްޗަށް!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި 20000ރ. ދޭން މަޖިލީހުން ފާސްކުރި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މަޖިލިސް ކައިރިއަށް އެއްވެ އެތައް ގަޑިއިރެއްވަންދެން އަޑުގަދަކޮށް، މުޒާހަރާކޮށްފި އެވެ.މިއަދު ހެނދުނު 9:30 އެހާކަން ހާއިރުން ފެށިގެން އެމްޑީޕީގެ އެކްޓިވިސްޓުން ގެންދިޔައީ މަޖިލީސް ކުރާގޭ އިރުމަތީ ފަރާތު ގޭޓު ކުރިމައްޗައް އެއްވަމުންނެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އަދި މި އަހަރުގެ ވެސް އެންމެ ފަހު ޖަލްސާއަށް ބައެއް މެންބަރުން މަޖިލީހަށް ވަޑައިގަންނަވަމުންދިޔަ އެވެ. އެ ހިސާބުގައި އެއްވެފައި ތިބި 50 އަކަށް އެމްޑީޕީގެ އެކްޓިވިސްޓުން ގެންދިޔައީ ބައެއް މެންބަރުން މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސް އަޅަމުން ނެވެ. އަދި ބައެއް މެންބަރުންގެ "ހަށިކޮޅުގައި އަތްލައި މާރާމާރީ ހިންގަން" އުޅުނެވެ. އެ މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަތީ ފުލުހުންގެ ހިމާޔަތުގަ އެވެ.މެމްބަރުންނަށް މަޖިލީހަށް ވަޑައިގަންނަވަން ހުރަސް އަޅައި، މާރާމާރީ ހިންގުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތްކުރި މައްސަލައިގައި ފުލުފުލުން މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަން ފައްޓަވައި، ތަޅުން ހޫނުވެގެން ދިޔަ އެވެ.އެ މެމްބަރުން ތިއްބެވީ "ބިރުވެރިކަމެއްގެ" ތެރޭގައި ކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ ހިމަޔާތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަށް ސަރުކާރަށް ތަކުރާރުކޮށް ގޮވާލެއްވި އެވެ.ގާތްގަޑަކަށް 10:00 ޖަހާއެހާކަށްހާއިރު މަޖިލީސް ކުރާ ގޭ ސަރަހައްދުގެ އެކި ދިމަދިމާލަށް މަދަނީ ޖަމްއިއްޔާތަކާއި ބައެއް ސިވިލް ސާވަންޓުން ވެސް، މަޖިލިސް މެމްބަރުންނާ ދެކޮޅަށް ނުރުހުމުގެ މެސެޖުތައް ލިޔެފައިވާ ބެނާތަކާއި ބޯޑުތައް ހިފައިގެން ޖަމާވެ، ހަޅޭއްލަވަން ފެށި އެވެ. އޭގެ ތެރޭގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ އިސްމެންބަރުން ހިމެނެ އެވެ.ކުރީގެ ހޮލިޑޭ އިން އަދި މިހާރުގެ ޓްރޭޑާޒް ހޮޓެލްގެ ކުރިމަތީގައި އެއްވެ ތިބެ އެމީހުން މެގަ ފޯން ބޭނުންކޮށްގެން އަޑުގަދަކުރަމުން ދިޔައީ "ތެލަށް ވުރެ ނިޒާމީ ނުކުތާ އަގުބޮޑު" ވެއްޖެ ކަމަށާއި "މަހަކު 80،000ރ. އަހަރަކު ތިން މަހު ޗުއްޓީ" އެއީ ބޮޑުވަރު ކަމަށް ބުނެ އެވެ.އަޑުގަދަ ކުރި މީހުން އުފުލައިގެން ތިބި ބޯޑުތަކުގައި "ރައްޔިތުންގެ ޖީބު ހުސް. މަޖިލިސް މެމްބަރުންގެ ޖީބު ފުރިފައި" ވާ ކަމަށް ލިޔެފައިވެއެވެ."އަހަރުމެން [ސިވިލް ސާވަންޓުން] ބޯން މިޖެހެނީ ވަޅުފެން. މަޖިލިސް މެންބަރުން މި ބޮނީ މިނެރަލް ވޯޓާ. ގޮޑިން ތެދުވަން 20،000 މީދެން ބޮޑުވަރު،" އެއްވެ ތިބި މީހުން ގޮވަމުންދިޔަ އެވެ.އޭރުވެސް އެމްޑީޕީގެ އެކްޓިވިސްޓުން ގެންދިޔައީ މަޖިލިސްކުރާ ގޭގެ އިރުމަތީ ފަރާތު ގޭޓް ކުރިމަތީގައި އިށީންދެ ތިބެ ނުރުހުން ފާޅުކުރަމުންނެވެ. އެމީހުން މުޒާހަރާ ވަރުގަދަ ކުރަން ފެށުމުން ރައަޓް ފުލުހުން އެހިސާބަށް ގޮސް ގޭޓު ކުރިމަތިން އެމީހުން "ފައްސައިލި" އެވެ.ނަމަވެސް، މަޖިލިސް ކުރިމަތީ އޮންނަ ގޯޅިގަނޑު ތެރޭ ތިބެ، އަނެއްކާވެސް ހަރުއަޑުން މެމްބަރުންނާ ދިމާއަށް އެއްޗެހި ގޮވަމުން ދިޔަ އެވެ. އެމީހުން ބުނަނީ މަޖިލީހުގެ މެންބަރުންނަކީ "ބައިތުލް މާލު ބަނޑުއަޅައިލައިގެން" ތިބި ބަޔެއްކަމަށާއި "ރައްޔިތުންގެ ލޭބޯ ބަޔެއް" ކަމަށެވެ.އަދި އެއްވެ ތިބި އާންމުންނާ ވާހަކަދައްކަވަން އުޅުއްވުމުން، އެ މެންބަރުންނާ ދިމާއަށް ވެސް ހަޑިހުތުރު ބަހުން އެއްޗެހި ގޮވަން ފެށުމުން އެ މެމްބަރުން ކޯފާވެ ހުތުރު ބަހުން މުޒާހަރާގެ ބައިވެރިންނާ މުހާތަބުކުރެއްވި އެވެ.މިއަދު މެންދުރު 12:00 ޖަހާއެހާކަންހާއިރު ޓްރޭޓާޒް ހޮޓެލް ކައިރިއަށް އެއްވެ ތިބި މުޒާހަރާގެ ބައިވެރިން ވެސް އެއްވުން ވަރުގަދަކުރި އެވެ. އެއްވުން ވަރުގަދަ ވުމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ރިޝްވާން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެވަޑައިގެން ބައިވެރިންނާއި ވާހަކަ ދައްކަވައި، ޓްރޭޑާސް ހޮޓެލް ކައިރިން ދުރަށް ދިއުމަށް އިލްތިމާސްކުރި އެވެ. އަދި މަޖީދިއްޔާ ސުކޫލު ކުރިމަތީގައި ތިބެ މުޒާހަރާ ކުރުމަށް ފުރުސަތު ދިނެވެ.އެ ސަރަހައްދުގައި މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްގެން "މަޖިލީހުގެ ފަންޑު ފޮށި" ނަމުގައި ފޮއްޓެއްވެސް މުޒާހަރާގެ ބައިވެރިން ބެހެއްޓި އެވެ. އެ ފޮއްޓަށް ވަރަށް ގިނަ އަދަދެއްގެ މީހުން ފައިސާ އެޅި އެވެ.  ނަމަވެސް، ފުލުހުން ރޯޑް ބުލޮކްތައް އެއްފަރާތްކޮށްލި ވަގުތު އަނެއްކާވެސް މުޒާހަރާގެ ބައިވެރިން މަޖިލިސް ކައިރިއަށް ގޮސް، އަޑުގަދަކުރަން ފެށިއެވެ.އެ ހިސާބުން އަނެއްކާވެސް މަސްރަހު ހޫނުވެ މަޖިލީހުގެ އިރުމަތީ ދޮރާށި ކަންމައްޗައް ވާގޮތަށް ހުންނަ "ދަ ކޮފީ ހައުސް" ގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަލީ އާމިރު އިންނަވަނިކޮށް އެތަނަށް ވަދެ އާމިރުގެ ހަށިކޮޅުގައި ޖަހައި މާރާމާރީ ހިންގި އެވެ. އަދި ފުލުހުންގެ ހިމާޔަތުގައި އޭނާ އެތަނުން ނެރެގެން މަޖިލީހުގެ އިދާރާއަށް ވައްދަވަން އުޅެނިކޮށް އޭނާގެ ހަށިކޮޅަށް ވެއްޔާއި ހިލަ މުޒާހަރާގެ ބައިވެރިން އުކިއެވެ.އެހާހިސާބުން ފުލުހުން އަނެއްކާވެސް ސަފުތައް ރުކުރުވާލައި މީހުންތައް ވަށައިގެން ހުރި ގޯޅިތަކުގެ ތެރެއަށް ފަހަތަށް ޖެއްސި އެވެ. އެހިސާބުގައި ދެގަޑިއިރެއްހާއިރު ވަންދެން އަޑުގަދަކުރަން ތިބުމަށްފަހު އެންމެފަހުން މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިޔައީ ހަވީރު 4:00 ޖަހަން ގާތްވެފައި ވަނިކޮށެވެ. އެހާއިރު ވަންދެން މުޒާހަރާ ރޫޅާލުމަށް ފުލުހުން އެއްވެސް ވަރަކަށް ބާރުގެ ބޭނުންކޮށްފަ އެއް ނުވެ އެވެ.މުޒާހަރާކުރަމުންދިޔަ ނަމަވެސް މަޖިލިސްގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ މިއަދު 12:10 ގައި ނިންމާލީ ޓެކްސްގެ ބިލު ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ