ޕީޕީއެމްގެ ހަމައެކަނި މަގްސަދަކަށް ވާންވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން: މައުމޫން

ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި އެހެންކަމުން ޕީޕީއެމްގެ ހަމައެކަނި މަގްސަދަކަށް ވާންވީ  2013 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.ޕީޕީއެމް ރަޖިސްޓްރީކުރި ފަހުން މައުމޫން ބައިވެރިވެވަޑައިގެން ބޭއްވި ފުރަތަމަ ޖަލްސާގައި އެމަނިކުފާ ވިދާޅުވީ އެކުވެރި ޕާޓީތަކުން މިހާރު މަސައްކަތް ކުރަމުން އަންނަ ގޮތަށް އެއްބައިވަންތަކަމާ އެކު ގުޅިގެން މަސައްކަތްކޮށްފިނަމަ  2013 ނިމުމުގެ ކުރިން ޕީޕީއެމުން ސަރުކާރާ ހަވާލުވާނެ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބުކުރުމަށް، އެ ޕާޓީގެ ހުރިހާ މެމްބަރުންގެ ވިސްނުމާއި ގާބިިލިއްޔަތު ބޭނުންކުރުމަށް ވެސް މައުމޫން އެދިވަޑައިގެންނެވި އެވެ.އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ގިނަ އަދަދެއްގެ ބައަކު ބައިވެރިވި ޖަލްސާގައި މައުމޫން ވިދާޅުވި ގޮތުގައި ރައްޔިތުންނަށްޓަކައި މިހާރުގެ ސަރުކާރު ބަދަލުކުރަން ޖެހެ އެވެ. އަދި ޕީޕީއެމުން ސަރުކާރާ ހަވާލުނުވެ ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.މިއަދުން ފެށިގެން މަސައްކަތް ކުރަންވީ މި މަގްސަދު [އިންތިހާބު ކާމިޔާބުކުރުން] ހާސިލްކުރުމަށްޓަކައި. އަންނަ އަހަރު ގާއިމްކުރެވޭ އަޅުގަނޑުމެންގެ ސަރުކާރުން އިރާދަކުރެއްވިއްޔާ ވާނީ ގައުމު އެކަތިގަނޑަކަށް ހަދާ ސަރުކާރަކަށް. އެންމެން ގުޅިގެން އެކަތިގަނޑަަކަށް ވާ ސަރުކާރަކަށް. ރައްޔިތުންނަށް އިގްތިސާދީ ތަނަވަސްކަން ގެނެސްދޭ ސަރުކާރަކަށް،" މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑުމެން ސަރުކާރާ ހަވާލުވާން ދެން މާގިނަ ދުވަސްތަކެއް ނެތް. އޮތީ އެންމެ އަހަރަކާއި ނުވަ މަސް ދުވަސް."ކުރިއަށް އޮތް އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާ އެކު ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މަސައްކަތްކޮށްފިނަމަ 2013 ގައި ރައްޔިތުން ބޭނުންވާ މަންޒިލް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ."އަޅުގަނޑު މިހެން މިދެންނެވީ ސަބަބުތަކެއް ނެތިއެއް ނޫން. ރާއްޖޭގެ ހާލަތަށް ބަލާއިރު އިސްލާމީ ކަންތައްތަކަށް މި އަންނަ ލޮޅުން. އިސްލާމީ އަގީދާ އަށް ބަޔަކު ރާވައިގެން ގެންނަން އުޅޭ ހީނަރުކަން. އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގްލާލަށް ކުރިމަތިވަމުންދާ މައްސަލަތައް. އަޅުގަނޑުމެންގެ އިގްތިސޯދު ދަށަށް ގޮސްފައިވާ މިންވަރު. ރައްޔިތުންގެ ޖީބުތަކުން ފައިސާ ހުސްވެފައިވާ މިންވަރު. ރައްޔިތުން އުޅެން ޖެހިފައިވާ ނިކަމެތި ބިކަ ހާލު. ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކަން ހިތުން ކުޑަވެފައިވާ މިންވަރު. ސަރުކާރުގެ ހިދުމަތްތައް ބޮއްސުންލާފައިވާ މިންވަރު،" މައުމޫން ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މައްސަލަތައް ރަނގަޅުކޮށް، ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބައިބައިވުން ނައްތާލައި އެއް ބަޔަަކަށް ހެދޭނީ ވެސް ޕީޕީއެމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ރާއްޖެ އަކީ އެއްބައިވަންތަ ގައުމަކަށް ވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު ވެސް ބަދަލުވެފައިވުމާ އެކު އެ ޕާޓީގައި މެމްބަރުން ރަޖިސްޓްރީކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ފޯމެއް ފުރައި ސޮއިކޮށްލުމަކުން ނުފެދޭ ކަމަށާއި ގިނަ ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށެވެ. އިލެކްޝަނަށް އަދި ސާފުނުވެ ފޯމުތަކެއް އެބަހުރި ކަމަށާއި އެ ޕާޓީގެ މެމްބަރުންގެ ޖުމްލަ  20،000 އަށް ވުރެ ގިނަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ."އަޅުގަނޑުމެން ޕާޓީގެ މެމްބަރަކަށް މި ވެވެނީ އަޅުގަނޑުމެންގެ ޖީބުން މަދުވެގެން  120 ރުފިޔާ ނުވަތަ 130 ރުފިޔާ ހަރަދުވެގެން. މިކަން މިހެން އޮތްއިރު އެހެން ޕާޓީތަކުގެ މެމްބަރުން ތިއްބެވީ މިހުރިހާ ބުރަތަކެއް ކަޑައްތުކުރައްވާފައެއް ނޫން. މި ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރައްވާފައެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ